ސިޔާސީ

އިންސާފުވެރި އިންތިޙާބެއް ބޭއްވުމަށް ގޮވާލާ މުޒާހަރާކޮށްފި


މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށާއި އަދި އިންތިޚާބު އަވަހަށް ބޭއްވުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން އައްޑޫސިޓިގައި މުޒާހަރާކޮށްފިއެވެ. މިއަދު ހަވީރު ކުރި މި މުޒާހަރާ ފަށާފައިވަނީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. 

މި މުޒާހަރާގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެވަޑައިގެންނެވިއެވެ. މި މުޒާހަރާގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އެޕާޓިގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒްއެވެ. މުޒާހަރާގެ ބައިވެރިން އިންތިޚާބާގުޅޭ ތަފާތު ޝިޢާރުތައް ހިމެނޭ ބެނާތައް ހިފައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ޕިކަޕް ބުރެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިއަށް ގެންދިޔަނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ ގޮވާލުމެއް ގޮވާލަންޖެހޭ ސަބަބާމެދު ސުވާލު އުފައްދަވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކުރަމް ވިދާޅުވީ، އެކޮމިޝަނުން ބާއްވަވާ ހުރިހާ އިންތިޚާބަކީ އިންސާފުވެރި، ހާމަކަންބޮޑު އަދި ދެފުށްފެންނަ ރައްޔިތުން އެދޭފަދަ އިންތިޚާބުތަކެއްކަމަށެވެ. އެގޮތުން އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީވެސް އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެކަމުގެ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ. އަކްރަމް ވިދާޅުވީ، އިންތިޚާބުގެ ހުރިހާ ކަމެއްވެސް އެކޮމިޝަނުން ގެންދަވަނީ، ޤާނޫނާއި ޤަވާޢިދުގެ ތެރެއިންކަމަށެވެ. 

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ ޖެނުއަރީމަހުގެ ސާދަ ވަނަ ދުވަހު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނިކޮށް، ޕީޕީއެމުން ހުށައެޅި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ ދެމަސްދުވަހަށް އިންތިޚާބު ފަސްކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޙުކުމް ކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިޢުނާފް ކުރައްވާފައެވެ.