ސިއްހަތު

"ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް މުއްދަތަށް ނިންމާލެވޭނެ"


ޞިއްޙީ ޚިދްމަތް ފުޅާކުރެއްވުމަށް ސަރުކާރުން ހިންގަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ މާލޭގައި "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް" ޤާއިމްކުރެއްވުމަށް ހިންގަވާ ބިޔަ މަޝްރޫޢެވެ. 25 ބުރިއަށް އިމާރާތް ކުރައްވާ، މި ސެންޓަރުން ސަރުކާރުގެ މައި ހޮސްޕިޓަލްގައި މިހާރު ދެއްވަމުން ގެންދަވާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތާއި ރާއްޖޭގައި ފަރުވާދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެއެވެ. 

ހަމައެއާކު، ޕްރިމިއަމް ހެލްތު ސަރވިސްގެ ޚިދްމަތް ތަޢާރަފްކުރައްވައި، ޤައުމީ އަދި ޞިއްޙީ ދާއިރާއާ ގުޅުންހުރި މުހިންމު، ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް މި ސެންޓަރުގައި ހަމަޖެހިގެންދާނޭކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވެއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ އައު ޢިމާރާތަކީ، ރާއްޖޭގައި މިހާތަނަށް ބިނާކުރައްވާ އެންމެ އަގުބޮޑު އެއް ޢިމާރާތެވެ. 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ހިންގަވާ މި މަޝްރޫޢު ސަރުކާރުން ޙަވާލުކުރައްވާފައިވަނީ، ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ. 

img:http://s4.psmnews.mv/images/660x400/14651966582715.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހުންނާނެގޮތުގެ މޮޑެލްއެއް-

މި ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، އައި.ޖީ.އެމް.އެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅޫވީ، އިނީޝިއަލް ސްޓޭޖުގެ ޕައިލިންގް ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަދި ޢިމާރާތުގެ ފުރަތަމަ 4 ބުރީގެ ޝީޓް އެޅުމުގެ މަސައްކަތްވެސް އެއްކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

"މިހާރުވެސް ޝެޑިއުލަށްވުރެ ކުރިއަށް މަސައްކަތްތައް ދަނީ. މިހާރު ކުރިއަށް މިދަނީ 4 ވަނަ ބުރީގެ ޝީޓް އެޅުމުގެ މަސައްކަތް. އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު ނިމެންވާއިރަށް 4 ބުރީގެވެސް ޝީޓް އަޅާ، ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް. އެއާއެކު އަންނަ އަހަރު 5 ވަނަ ބުރީގެ ޝީޓްގެ މަސައްކަތްވެސް ފަށާއިރުގައި، ފުރަތަމަ ބުރިން ފެށިގެން އިންޓީރިއަރ ޑިޒައިން ކުރުމާއި، ފިނިޝިންގެ މަސައްކަތްތައްވެސް ކުރިއަށްދާނެ" އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ. 

މި ޢިމާރާތް ނިމުމުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ޙައްލުވެ، މިދާއިރާއަށް ބޮޑު އިންޤިލާބެއް ގެނުވާނެކަމަށް ސަރުކާރުންވެސް ޤަބޫލްކުރައްވައެވެ. މި ސެންޓަރާއެކު، ސަރުކާރުން ވެރިރަށް މާލޭގައި ދެއްވާ ޞިއްޙީ ޚިދުމަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް އެ ހޮސްޕިޓަލުންވެސް ވިދާޅުވެއެވެ.

img:http://s3.psmnews.mv/images/660x400/14818994443660.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: ޕީއެސްއެމް

"ސްޕޯޓްސް މެޑިސިންގެ ޚިދުމަތް އެބަ ތަޢާފަރުވޭ. އަޅުގަނޑުމެންގެ ފިޒިއޯތެރެޕީ، ހައިދްރޯތެރެޕީ މިކަހަލަ އަދި އިތުރު ޚިދުމަތްތަކެއް އައި.ޖީ.އެމް.އެޗްއަށް ތަޢާރަފުކުރާނެ. ހަމައެއާއެކު އަޅުގަނޑުމެންގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރުވެގެންދާނެ. އަޅުގަނޑުމެންގެ ރޭޑިއޮލޮޖީގެ ޚިދުމަތްވެސް އިތުރަށް ފުޅާވެގެންދާނެ. އެހެންވީމަ ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ މަސައްކަތް ނިމުނީމަ، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް އިތުރު ލުއިފަސޭހަތަކެއް އެބަ ލިބިގެންދޭ" އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ. 

ނޭޝަނަލް ޑައިގްނޯސްޓިކް ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއްވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރާނެ ސްވިމިންގޕޫލްވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމަވައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓެވުމެވެ.