ޚަބަރު

އަތޮޅުތަކަށް އެތެރެކުރާ މުދާ ހުޅުމާލެއިން ކްލިއަރކުރަން ފަށަނީ


މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެތެރެކުރާ މުދަލުގެ ސާޅީސް އިންސައްތަ މުދާ އެތެރެކުރަނީ ރާއްޖެތެރޭގެ ރަށްތަކަށާއި ރިސޯޓްތަކަށެވެ. މި މުދާތައް މިހާރު މާލޭގައި ހުންނަ އެމްޕީއެލް ބަނދަރުން ކްލިއަރ ކުރިނަމަވެސް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެތެރޭގައި އެމްޕީއެލް ހުޅުމާލޭ ބަނދަރުން ރާއްޖޭގެ އެކިރަށްތަކަށް އެތެރެކުރާ މުދަލާ ރިސޯޓްތަކަށް އެތެރެކުރާ މުދާ ކްލިއަރކުރުމުގެ މަގުފަހިވެގެންދިއުމުން ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެމްޕީއެލުން މަޢުލޫމާތުދެއެވެ. އަހަރުން އަހަރަށް ބަލާއިރު ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތް އިތުރުވަމުން އަންނަ އިރު ޕޯޓްގައި ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާކަމަށް އެމްޕީއެލުން ބުނެއެވެ.

މިހާރުވެސް ބޭނުންކުރަމުން އަންނަ ޕޯޓަކީ މީގެ އެތަކެއް އަހަރެއް ކުރިން ބޭނުންކުރަން ފެށި ޕޯޓްކަމަށްވިނަމަވެސް މިހާތަނަށް އައިއިރު މުދާ އެތެރެކުރާ މިންވަރާ އެއްވަރަށް ޕޯޓްގެ ބޮޑު މިނަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އެމްޕީއެލުން ބުނެއެވެ. މިހެންވުމުން މުދާ ކްލިއަރކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށާއި އަދި ގިނަ ދުވަސްތަކެއްވެސް ނަގާކަމަށް އެމްޕީއެލްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14807478069256.jpg|އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ހުންނަވައިގެން އެމްޕީއެލްގެ ސީއީއޯ ޖުނައިދު ނޫސްްވެރިންނަށް މަޢުލޫމާތު ދެއްވަނީ

ނަމަވެސް ހުޅުމާލޭ ޕޯޓުން ރިސޯޓްތަކަށާއި ރާއްޖެތެރެއަށް އެތެރެކުރާ މުދާ ހުޅުމާލޭގެ ޕޯޓުން ކްލިއަރ ކުރަން ފެށުމުން މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ހުޅުމާލޭ ޕޯޓްގައި ހިމެނޭ ލޯކަލް ޕޯޓްގެ ޚިދުމަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ދޭން ފެށުމުން ގުދަނުގެ ޖާގަނެތިގެން މުދާ ނުނެރެވޭ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް އެފަރާތުން ބުނެއެވެ. އެގޮތުން އިންޓަނޭޝަނަލް ޕޯޓުން މުދާ ކްލިއަރ ކުރުމަށްފަހު ލޯކަލް ޕޯޓްގައި މުދާ ގުދަންކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ފަހިވެގެންދާނެކަމަށް އެމްޕީއެލްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. މި ލޯކަލް ޕޯޓްގައި އެއްފަހަރާ 400 އަށް ވުރެ ގިނަ ކޮންޓެއިނަރ ބެހެއްޓެއެވެ.

ހުޅުމާލެ ލޯކަލް ޕޯޓް ޚިދުމަތް ސައުވީސް ގަޑިއިރު ލިބޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. އެމްޕީއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ނޮވްމެބަރު މަހު އެކަނިވެސް 527 މިލިއަން ރުފިޔާގެ ކާނާ ރާއްޖެ އެތެރެކޮށްފައިވެއެވެ. އަދި 314 މިލިއަން ރުފިޔާގެ ތެޔޮ ވަނީ ރާއްޖެ އެތެރެކޮށްފައެވެ.