ޚަބަރު

މިއީ އެންމެ ކާމިޔާބު މަސްވެރިންގެ ދުވަސް - މިނިސްޓަރ ޝައިނީ


މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީއާއި ގެމަނަފުށީ ކައުންސިލާއި އެރަށު ރައްޔިތުން ގުޅިވަޑައިގެން ވަނީ ތަފާތު ގިނަ ޙަރަކާތްތައް ހިންގަވާފައެވެ. މިގޮތުން މަސްވެރިކަމާގުޅޭ ތަފާތު އެކި މުބާރާތްތަކާއި އެކިކަހަލަ އިޖުތިމާޢީ ޙަރަކާތްތައް ވަނީ ހިންގަވާފައެވެ. މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެވަޑައިގަތުމަށްފަހު ގެމަނަފުށިން ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މިފަހަރުގެ މަސްވެރިންގެ ދުވަހަށް ގެމަނަފުށި ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި ހުރިހާ އިންތިޒާމްތަކެއްވެސް ވަރަށް ފުރިހަމަ ކަމަށެވެ. 

ޑރ. ޝައިނީ ވިދާޅުވީ، އެހެން އަހަރުތަކުގެ މަސްވެރިންގެ ދުވަހާ ޚިލާފަށް މިފަހަރުގެ މަސްވެރިންގެ ދުވަހު ތަފާތު ކަންތައްތަކެއް ހިނގާފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރު ޤައުމެއްގެ ފިޝަރީޒް މިނިސްޓަރަކާއި ރާއްޖޭއިން ބޭރުގެ ވަފްދެއް މިފަހަރުގެ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރު ކުރީކޮޅު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަސްވެރިކަމާބެހޭ އާ ބިލްގެ ދެލިކޮޕީއަށް މަސްވެރިންގެ ދުވަހު ބޭއްވުނު މަސްވެރިންގެ ޤައުމީ މަހާސިންތާއިގައި މަސްވެރިންގެ ޚިޔާލު ހޯއްދެވުމަށް ކުރެއްވި މުހިންމު މަސައްކަތް ޑރ. ޝައިނީ ފާހަގަކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14818761892868.jpg|މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން

"ވަރަށް ރަނގަޅު މަސްވެރިންގެ ފޯރަމެއް އަޅުގަނޑުމެނަން ބޭއްވިގެން އޭގެތެރޭގައި މަސްވެރިންނަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިގެން އެބޭފުޅުންގެ ޚިޔާލު ނެގި މި ހުރިހާ ކަންތައްތަކެއްވެސް ވެގެން ހިނގައްޖެ. އެހެންވީމަ އަޅުގަނޑަށް ހީވަނީ މިފަހަރު ގެމަނަފުށީގައި މިބޭއްވުނު މަސްވެރިންގެ ދުވަސް ވާނެ ހަމަ ގާއިމުވެސް އަޅުގަނޑަށް ދެވުނު މަސްވެރިންގެ ދުވަސްތަކުގެ ތެރެއިން އެންމެ ރަނގަޅަށް އިންތިޒާމްކުރެވިގެން ދިޔަ މަސްވެރިންގެ ދުވަހަށް." މިނިސްޓަރ ވިދާޅުވިއެވެ. 

ގެމަނަފުށީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޝިޔާމް ވިދާޅުވީ، ފެނިގެން މިދިޔައީ ރައްޔިތުން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ނަތީޖާކަމަށެވެ. މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ އިތުރުން މި ދުވަހަށް އެކިކަންކޮޅުތަކުން އެރަށަށް ޒިޔާރަތްކުރި މެހެމާނުންނަށް މަރުޙަބާ ދަންނަވައި މެހެމާންދާރީ އަދަރާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14818761217595.jpg|މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން އާއި ބައެއް އިއްޒަތްތެރިން

" މިރަށު ރައްޔިތުން އަސްލު ވަރަށްބޮޑަށް ބޭނުންވާ ދުވަހެއް މިދުވަހަކީ. އެހެންކަމުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ހަޤީޤީގަތުގައި މި ދުވަހަށް ތައްރާރު ވުމަށްޓަކާ. މީގެ އަސްލު ހަޤީޤީ އެއްޗަކަށް ނިކުންނާނީ މިރަށަށް ޒިޔާރަތްކުރެއްވި މެޙެމާނުން ވިދާޅުވަނީ ކީކޭތޯ. ހއ އަތޮޅުން ފެށިގެން ސ.އަތޮޅަށް އެކިދިމަދިމާލުން ވަޑައިގެންނެވި ބޭފުޅުންނާއި، ކުންފުނިތަކުންނާއި ވަޑައިގެންނެވި މަސްވެރިންނާއި ތަފާތު އެކި ބޭފުޅުން ވިދާޅުވީ ވަރަށް ރަނގަޅޭ މިރަށުގެ ތައްޔާރީތައް، ވަރަށް ރަނގަޅޭ އެބޭފުޅުންނަށް ލިބިވަޑައިގެންނެވި މެހެމާންދާރީ. އެބޭފުޅުން އެހެން ވިދާޅުވާކަމަށްވާ ނަމަ ވަރަށް ކާމިޔާބު މަސްވެރިންގެ ދުވަހެއް ބޭއްވިގެން މި ދިޔައީ." ޝިޔާމް ވިދާޅުވިއެވެ. 

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި އެކިއެކި މުބާރާތްތަކުގެ ތެރޭގައި މަސްކެނޑުމުގެ މުބާރާތަކާއި ފަރުމަސްބޭނުމުގެ މުބާރާތާއި ކުއިޒް މުބާރާތެއް ހިމެނެއެވެ. މަސްވެރިންގެ އީދުގެ ގޮތުގައި ގެމަނަފުށީ ރައްޔިތުން ފާހަގަކުރި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހާއްޞަ ތިން ސްޓޭޖް ޝޯވ ހިމެނެއެވެ.

img:http://s4.psmnews.mv/images/660x400/14818762411952.jpg|މަސްވެރިންގެ ދުވަހާ ގުޅުވައިގެން ގެމަނަފުށީގައި ބޭއްވި ހަވާ އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިޔާސީ ގޮތުން ޚިޔާލުތަފާތު ދުވަސްވަރަކަށް ވުމާއި އެ ނޫންވެސް ކަންކަމުގައި މުޖުތަމަޢުތަކުގެ އެކުވެރިކަމަށް ހީނަރުކަން އައިސް އޮތްނަމަވެސް ގެމަނަފުށިން ފެނުނީ ހުރިހާ ރައްޔިތުންގެ އެކުވެރިކަމާއެކު މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް ރާވައި ހިންގުމުގައި ބައިވެރިވިތަނެވެ.