ޚަބަރު

އަންނަ ހަފްތާގައި މެކޭނިކަލް ޕާކިންގ ސިސްޓަމް ޓެސްޓްކުރަނީ


ތޮށްޖެހިފައިވާ މާލޭ ސިޓީގައި، ވެހިކަލް ޕާކްކުރުމަށް އެކަށީގެންވާވަރުގެ ޖާގައެއް ނުލިބުމުގެ ޝަކުވާއަކީ އާއްމުން ރައްޔިތުން އަބަދުހެން ކުރަމުން އަންނަ ޝަކުވާއެކެވެ. އަދި ޕާކްކުރާނޭ ޖާގައެއް ހޯދަން ބައެއް ފަހަރު، ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭކަން ރައްޔިތުން ފާހަގަކުރެއެވެ. އެހެންކަމުން، މި މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ މާލޭ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތަކެއް ޤާއިމުކުރެއްވުމުގެ މަޝްރޫޢެއް ހިންގަވަމުންނެވެ. 

އެސް.ޓި.އޯއާއި ޙަވާލުކުރައްވައިގެން ހިންގަވާ މި މަޝްރޫޢުގެ ދަށުން މާލެގައި 20 ޕާރކިންގ ސިސްޓަމް ޤާއިމުކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މި 20 ސިސްޓަމްގެ ތެރޭގައި ހިމެނެނީ ކާރު ޕާކް ކުރުމަށް ޚާއްޞަ 10 ސިސްޓަމާއި، ސައިކަލް ޕާކްކުރުމަށް ޚާއްޞަ 10 ސިސްޓަމެވެ.

މާލޭގައި ޤާއިމުކުރައްވާ ޕާކިންގ ސިސްޓަމްތަކުގެ ތެރެއިން ފުރަތަމަ ބެހެއްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ ކާރު ޕާކް ކުރުމަށް ޚާއްޞަ ޕާކިންގ ސިސްޓަމެކެވެ. މި ސިސްޓަމް ބެހެއްޓެވުމަށް ހަމަޖެހިފައިވަނީ ވެލާނާގޭ ސަރަޙައްދުގައެވެ. އެ ސަރަޙައްދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕާކިންގ ސިސްޓަމްގެ ފައުންޑޭޝަންގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ ސިސްޓަމްގެ ސްޓްރަކްޗަރ އެތުރުމުގެ މަސައްކަތެވެ. 

img:http://s1.psmnews.mv/images/660x400/14818749198508.jpg|ވެލާނާގޭ ކައިރީގައި ބަހައްޓާ ފުރަތަމަ މެކޭނިކަލް ޕާކިން ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދަނީ

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޙަބީބް ވިދާޅުވީ، ފުރަތަމަ ސިސްޓަމްގެ މަސައްކަތް ނިންމާ، އަންނަ ހަފްތާގެ ތެރޭގައި ޓެސްޓްކުރެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މި ސިސްޓަމް އާއްމުންނަށް ވިހާވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްޓަކައި، ސިސްޓަމް ޑިވެލޮޕަރާއި، ބީ.އެމް.އެލްއާއެކު މިހާރު މިނިސްޓްރީން މަޝްވަރާކުރައްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙަބީބް ވިދާޅުވީ، އަންނަ ހަފްތާގެ ތެރޭގައި ކާރު ޕާކްކުރުމަށް ޚާއްސަ އިތުރު 2 ސިސްޓަމް ރާއްޖެ ގެނެއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ސައިކަލް ޕާކްކުރުމަށް ޚާއްޞަ ފުރަތަމަ ސިސްޓަމް ޖެނުއަރީމަހުގެ ތެރޭގައި ގެނައުމަށް ޝެޑިއުލްކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، ކުރިއަށްއޮތް 4 މަސް ދުވަހުގެ ތެރޭގައި މާލޭގެ އެކި ސަރަޙައްދުތަކުގައި 20 މެކޭނިކަލް ޕާކިންގ ސިސްޓަމް ޤާއިމުކުރެއްވުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ޙަބީބް ވިދާޅުވިއެވެ.

މާލޭގައި އަލަށް ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާ މި ޕާކިންގ ސިސްޓަމްތަކުގެ ތެރެއިން، ކާރު ޕާކް ކުރެއްވުމަށް ޚާއްޞަ ކޮންމެ ސިސްޓަމެއްގައި 10 ކާރު ޕާކް ކުރެވޭނެއެވެ. އަދި ސައިކަލަށް ޚާއްސަ ކޮށްފައިވާ ކޮންމެ ސިސްޓަމެއްގައި 100 ސައިކަލް ޕާކްކުރެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. 

މި ޕާކިންގ ސިސްޓަމް ބަހައްޓައި ނިމި ބޭނުން ކުރަން ފެށުމުން މިހާރު މާލެއަށް ދިމާވެފައިވާ ޕާރކިންގ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.