ޚަބަރު

ދިރާގުން ނޮކިޔާ އާއި ހުއާވޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


ދިރާގުން މުޅި ރާއްޖޭއަށް ފޯޖީ ޚިދުމަތް ދިނުމަށް ނޮކިޔާ އަދި ހުއާވޭ އާއި އެކު އެއްބަސްވުމަކަށް އައިސްފިއެވެ.  

މި ދެކުންފުންޏާ ގުޅިގެން މުޅި ރާއްޖެއަށް 4ޖީގެ ޚިދުމަތް 2017 ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް ހަލުވި މަސައްކަތްތަކެއް މިހާރު ކުރިއަށްދާކަމުގައި ދިރާގުން މައުލޫމާތުދެއެވެ. ހުއާވޭ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ޒަމާނީ މުއާސަލާތީ ނެޓްވޯކްތައް ގާއިމް ކުރަމުން އަންނަ މައްޝޫރު ކުންފުންޏެކެވެ. 

ނޮކިޔާ އަކީ މަޝްހޫރު ފޯނު އެފައްދާ ކުންފުންޔަކަށް ވީހިނދު މިހާރު ނޮކިޔާގެ އަމާޒު ހުރީ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ކުރުމުގެ ވިޔަފާރިއަށެވެ. ދިރާގުން ބުނީ މުޅި ރާއްޖެއަށް ފޯޖީގެ ޚިދުމަތް ދިނުމަށް މި ދެކުންފުންޏާއެކު އެއްބަސްވުމަކަށްއައީ ރައްޔިތުންނަށް ވީހާވެސް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމުގައެވެ. 

ދިރާގަކީ ދިވެހިރާއްޖެ ބޭރުގެ ދުނިޔެއާއި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް މެދުވެރިކޮށް ގުޅުވާލަދިން އެންމެ ފުރަތަމަ ކުންފުންޏެވެ.