ސިޔާސީ

ޕާޓީތަކުން އަދިވެސް މަންދޫބުންގެ ނަން ނުފޮނުވާ- ސަރުކާރު


ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވަވާ މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިކުރާނެ މަންދޫބުންގެ ނަންތައް މިހާތަނަށް ފޮނުވާފައި ނުވާކަމަށާއި، ޝަރުތުތަކަކާ ނުލައި މަޝްވަރާތައް ބޭއްވުމަށް ސަރުކާރު އަދިވެސް އޮތީ ތައްޔާރަށްކަމަށް މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިދިޔައަހަރު ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފެއްޓެވި ސިޔާސީ ޕާރޓީތަކުގެ މަޝްވަރާތައް އިދިކޮޅު ފަރާތްތައް ބައިވެރިކުރައްވައިގެން ކުރިއަށް ގެންދެވުމަށް 5 ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވިނަމަވެސް އަދި ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އދ. ގެ އެހީތެރިކަމާއެކުގައެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅު ހުރިހާ ޕާޓީއަކަށް ސަރުކާރުން އެތައް ފަހަރެއްގެ މަތިން ދަޢުވަތު ފޮނުއްވާފައިވެއެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީން މި އެއްވެސް ދަޢުވަތެއް ޤަބޫލްކޮށްފައެއް ނުވެއެވެ.

އދ.ގެ މަންދޫބު ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ސިޔާސީ ޕާޓީތަކާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވަން މަސައްކަތްކުރެއްވި ނަމަވެސް އެކަންވެސް ކާމިޔާބުވެފައެއް ނުވެއެވެ.

ޕީއެސްއެމާ ވާހަކަފުޅު ދައްކަވަމުން މަޝްވަރާތަކުގެ އެންމެ އިސް މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، މަޝްވަރާތައް އެއްވެސް ޝަރުތަކާ ނުލައި ކުރިއަށް ގެންދަވަން ސަރުކާރު އަދިވެސް އޮތީ ތައްޔާރަށްކަމަށެވެ. އަދި ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ވިސްނެވުމަށް އެއްވެސް ބަދަލެއް ގެންނަވާފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދުގައިވާ ޚިޔާލުތަފާތުވުންތަކަށް ފިނިކަމެއް އަންނާނީ ދެފަރާތުންވެސް އެއްބާރުލުން ދެއްވައިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން ވަނީ މަޝްވަރާތަކުގައި ބައިވެރިކުރާނީ  ޕާޓީތަކުގެ ގެ ކައުންސިލުން ފާސްކުރާ ބޭފުޅުންކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އދ.ން އަދާކުރުމަށް އިދިކޮޅު ފަރާތްތަކުންވެސް ބޭނުންވާކަމަށާއި، ނަމަވެސް އދ.ން ގޮވާލާ ގޮވާލުންތަކަށް ހަމައެކަނި ސަރުކާރުން އިޖާބަދެއްވައިގެން ކުރިއަށް ނުގެންދެވޭނަކަމަށެވެ. މިކަމުގައި އިދިކޮޅު ފަރާތްތަކުންވެސް އެއްބާރުން ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދަން އެންމެ ގިނައިން ގޮވާލި އެއްފަރާތަކީ ކޮމަންވެލްތުކަމަށާއި، ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ކުރިން އެކަމަށްވެސް ސަރުކާރުން އިޖާބަ ދެއްވިކަމަށެވެ. އެހެންކަމުން ޝަރުރުތަކަކާ ނުލައި ބާއްވަވާ މަޝްވަރާތަކަށް އަދިވެސް ސަރުކާރު ތައްޔާރަށް އޮތްކަން މިނިސްޓަރ ޝައިނީ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތައް އދ. މެދުވެރިއެގެ ދައުރު އަދާކުރައްވައިގެން ރާއްޖެއިން ބޭރުގައި ބާއްވަވަން އުޅޭކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރ ވަނީ ދޮގުކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އދ. އާއއެކު ސަރުކާރުން މަޝްވަރާތަކުގެ މުޢާމަލާތްތައް ކުރަމުން ގެންދަވާކަމަށާއި، ނަމަވެސް އެކަމުގެ އެއްވެސް އިޝާރާތެއް ލިބިފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުގައި މަޝްވަރާތައް ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ.

ރާއްޖޭގެ ޤާނޫނުގެ ތެރެއިން ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވައިގެންވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙް ހަމައަކަށް އެޅުއްވުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންވާކަމަށް، ޑރ. ޝައިނީ ވަނީ ވިދާޅުވެފައެވެ.

މަޝްވަރާތައް ފެއްޓެވުމަށް ރައީސް ޔާމީން ނިންމެވީ ދިވެހިރާއްޖެ ތަރައްޤީކުރެއްވުމަށާއި، ޤައުމު ބިނާކުރެއްވުމުގެ މަސައްކަތް ހަލުވިކުރައްވައި، ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކުރެއްވުމަށެވެ.