ޚަބަރު

ޤަވާއިދާ ޚިލާފަށް ޢިމާރާތްކޮށްފައިވާ ތަންތަން ނަގަން ފަށައިފި


ހުޅުމާލޭގެ ފްލެޓް ޢިމާރާތްތަކުގެ ތިރީގައި ހިމެނޭ ޢާއްމު ސަރަޙައްދު ޤަވާޢިދާ ޚިލާފަށް ޢިމާރާތްކޮށްފައިވާ ތަންތަން ނައްތާލުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ފަށައިފިއެވެ. 

ހުޅުމާލޭ އެއްމެދު ޢިމާރާތާ އިންވެގެން އޮންނަ ޢާއްމު ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ތަންތަން ހަދާފައިވާ ފަރާތްތަކާއި، ޢިމާރާތަށް ގެއްލުން ލިބޭގޮތަށް ގަސް އިންދާފައިވާ ފަރާތްތަކަށް އެފަދަ ތަންތަން ސާފުކުރުމަށް އެކުންފުނިން ވަނީ 2 މަސް ދުވަހުގެ މުހުލަތެއް ދީފައެވެ. މި މުއްދަތުގެ ތެރޭގައި ނައްތާނުލައި ހުރި ތަންތަން ނައްތާލުމުގެ މަސައްކަތް އެޗް.ޑީ.ސީއިން މިހާރު ފަށާފައިވާއިރު، މިހާތަނަށް އެފަދަ 12 ތަނެއް ސާފުކޮށްފައިވާކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެއްމެދު ޢިމާރާތް ނުވަތަ ފެލްޓް ބިލްޑިންގތަކުގެ ސަރަޙައްދުގައި ހިމެނޭ ޢައްމު ބައިތަކާއި ވަޞީލަތްތަކަކީ އެ ޢިމާރާތެއްގައި ދިރިއުޅޭ އެންމެންގެ މަސްލަޙަތު ހިމެނޭ ތަންތަނުގެ ގޮތުގައި ވަނީ ބިމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައެވެ. އެއްމެދު ޢިމާރާތްތައް ބޭނުންކުރަންޖެހޭނީ މިއުޞޫލުގެ ދަށުންކަމަށް ވީނަމަވެސް ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ އެއްމެދު ޢިމާރާތާއި އިންވެގެން އޮންނަ ޢާންމު ސަރަޙައްދު އެކި ފަރާތްތަކުން ޤަވާޢިދާ ޚިލާފަށް ގެންދަނީ ބޭނުންކުރަމުންނެވެ.

img:http://s3.psmnews.mv/images/660x400/14817913198711.jpg|ހުޅުމާލޭގައި، ފްލެޓްތަކުގެ ތިރީގައި ޤަވާއިދާ ޚިލާފަށް އިމާރާތްކޮށްފައިވާ ތަންތަން ނައްތާލުމުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: އެޗްޑީސީ

މިފަދަ ޢިމާރާތުގެ އެންމެ ތިރީގައި ހުންނަ ޢާންމު ބައިތަކުގައި ޢިމާރާތާ އިންވެގެން ޤަވާޢިދާ ޚިލާފަށް ތަންތަން ރާނައި، ހިޔާކޮށް، އިތުރު ބައިތަކެއް ބައެއް ފަރާތްތަކުން ވަނީ ހަދާފައެވެ. އަދި ޢިމާރާތަށް ގެއްލުންވެދާނެ ފަދަ ގޮތަށް ގަސްތައް ހައްދަމުންވެސް ގެންދެއެވެ. މިއީ ޢިމާރާތުގައި ދިރިއުޅޭ އެހެން މީހުންނާއި، ޢާއްމު ރައްޔިތުން ޝަކުވާ ކުރަމުންދާ ކަމަކަށްވާތީ، އެފަދަ ތަންތަން ސާފުކޮށް، ނައްތާލުމަށް އެޗް.ޑީ.ސީއިން ވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 11 އިން ފެށިގެން 2 މަސްދުވަހުގެ މުއްދަތެއް ދީފައެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން އެޗް.ޑީ.ސީގެ ޑިރެކްޓަރ ހިއުމަން ރިސޯސަސް، އަޙްމަދު ފާތިޙް ވިދާޅުވީ، ހުޅުމާލޭގައި ހުރި އެއްމެދު ޢިމާރާތްތަކުގެ ތިރީގައި ހިމެނޭ ޢާއްމު ސަރަޙައްދު ޤަވާޢިދާ ޚިލާފަށް އިމާރާތްކޮށްފައިވާ 100 އަށްވުރެ ގިނަ ތަންތަން އެކުންފުންޏަށް ފާހަގަކުރެވިފައިވާކަމަށެވެ. އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ކުރަމުންދާކަމަށާއި، މިހާތަނަށް 12 ތަނެއް ސާފުކޮށްފައިވާކަމަށް ފާތިޙް ވިދާޅުވިއެވެ. އަދި މިހާރުވެސް 28 ފަރާތަކުން އެފަދަ ތަންތަން ނައްތާލުމަށް އަމިއްލައަށް އެދިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބައެއް ފަރާތްތަކުން އަމިއްލައަށް އަޅުގަނޑުމެންނާއި މަޝްވަރާކޮށްގެން އެތަންތަން ނައްތާލަން ބޭނުންވާކަމަށް ބުނުމުން، މިއަދާ ހަމައަށް 12 ތަނެއް ވަނީ ނައްތާލެވިފައި. މިހާރުވެސް 28 ފަރާތުން އެދިފައިވޭ މިތަންތަން ސާފުކޮށްދިނުމަށް. ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ތަން އެބަހުރި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި. ބައެއް ތަންތަނުން އެބަހުރި އަޅުގަނޑުމެން ދިން މުއްދަތުގެ ތެރޭގައި އަމިއްލައަށްވެސް ރަނގަޅުކޮށްފައި. މިއީ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރާކަމެއް މިގޮތަށް ލިބޭ އެއްބާރުލުން" ފާތިޙް ވިދާޅުވިއެވެ. 

ފާތިޙް ވިދާޅުވީ، އަމިއްލަ ބޭނުންތަކަށް ހަދާފައިވާ މިފަދަ ތަންތަނުގެ ސަބަބުން، ޢިމާރާތްތަކުގެ މެއިންޓަނަންސް މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ. އަދި އެފަދަ އެތަންތަނުގައި އިންދާފައި ހުންނަ ބޮޑެތި ގަސްގަހުގެ މުލުގެ ސަބަބުން ޢިމާރާތުގެ އޮނިގަނޑަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. ޢިމާރާތުގައި ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވާ ޙާލަތެއްގައި މީހުން ސަލަމާތް ކުރުމުގައިވެސް، މިފަދަ ތަންތަން ހަދާފައި ހުރުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާނެތީ މިފަދަ ތަންތަން ނަގައި ސާފުކުރުމަށް އެޗްޑީސީއިން ވަނީ އިލްތިމާސްކުރެއެވެ.

"މިގޮތަށް ހުސްކޮށް ހުންނަ ތަންތަނުގެ ބޭނުމަކީ ބޮޑެތި ކަންތައްތައް މިސާލަކަށް ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި، ނުވަތަ އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަވެސް، ފަޔަރ އެގްޒިޓްގެ ގޮތުގައި ނުވަތަ މީހުން އިމާރާތުން ހުސްކުރުމަށް ހެދިފައި ހުންނަ ތަންތަން. ހަމައެހެންމެ މަރާމާތުގެ މަސައްކަތް ކުރުމަށްވެސް މިތަންތަނުގެ ބޭނުން އެބަހިފޭ. އެހެންކަމުން އެފަދަ ތަންތަނުގެ ބޭނުން އަޅުގަނޑުމެންނަށް ނުހިފޭކަމަށްވާނަމަ، މިއީ އެތައްބައެއްގެ ފުރާނައި އަދި މުދަލާއި ގުޅިފައިވާކަމެއް. ލިބިދާނެ ގެއްލުމެއް އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭނެ" ފާތިޙް ވިދާޅުވިއެވެ. 

ހުޅުމާލޭ އެއްމެދު ޢިމާރާތާ އިންވެގެން އޮންނަ ޢާއްމު ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް ހަދާފައިވާ ތަންތަނާއި ޢިމާރާތަށް ގެއްލުން ލިބޭގޮތަށް އިންދާފައިވާ ގަސްތައް ސާފުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީއިން މިހާރު ކުރަމުންދާއިރު، މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީން ޒިންމާނުވާނެކަމަށް އެކުންފުނިން އަންގައެވެ. އަދި މިއީ ހުރިހާ ރައްޔިތުންވެސް ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވޭ ކަމަށްކަވާތީ، ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެޗް.ޑީ.ސީއިން އެދެއެވެ.