ޚަބަރު

އޮޕަރޭޝަން ހިރާސް ފާސް - 200 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި


އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެފަދަ ޙާދިސާތައް މަދުކުރުމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށްގެންދަވާ ޚާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލޭގެ ދުއިސައްތައަށްވުރެ ގިނަ ތަންތަން ފާސްކުރައްވައިފިއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ހިންގަވާ މި އޮޕަރޭޝަންގައި ބަލާފާސް ކުރެވޭ ގުދަންތަކާއި، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުގައި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލާ، އެތަކެތީގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި އޮޕަރޭޝަން ފައްޓަވާފައިވަނީ މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގައި ބަލާފާސް ކުރެވޭ ގުދަންތަކާއި ޢިމާރާތްތަކުގައި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބައްލަވައި، އެތަކެތީގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުން ދަނީ މާލޭ ސަރަޙައްދުގައިކަމަށްވެފައި، އަލިފާނުގެ ޙާދިސާތައްވެސް ނިސްބަތުން ގިނައިން ހިނގަމުންދަނީ މި ސަރަޙައްދުގައިކަމުން، މި އޮޕަރޭޝަން އެންމެ ފުރަތަމަ ފައްޓަވާފައިވަނީ މާލޭ ސަރަޙައްދުގައެވެ. އެގޮތުން މާލޭ ސިޓީ އެކި ޒޯންތަކަކަށް ބައްސަވާލެއްވުމަށްފަހު، ކޮންމެ ދުވަހެއްގެވެސް ހެނދުނު 9 އަކުން ފެށިގެން ހަވީރު 3 ޖެހުމާއި ހަމައަށް މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕްތަކުގެ އިތުރުން، ރެސްޓޯރަންޓް، އަދި ކެފޭތަކުގެ ބަދިގެ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ގެންދަވަނީ ބައްލަވަމުންނެވެ.

"އޮޕަރޭޝަން ހިރާސް ފާސް"ގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާއާއި ހިއްސާކުރައްވަމުން ސްޓާފް ސާރޖެންޓް އިސްތިޔާޤް ޙަސަން ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން މި ވަގުތު ސަލާމަތީކަން ކަން ބެއްލެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ މާފަންނު އަދި މައްޗަންގޯޅި ސަރަޙައްދުގައިކަމަށެވެ. އެގޮތުން މިހާތަނަށް 229 ތަނެއް ބަލާފާސްކޮށްފައިވާކަން އިސްތިޔާޤް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި އޮޕަރޭޝަންގެ ދަށުން އެކި ސަބަބުތަކާހުރެ ސިފައިންނަށް ނުވަދެވި ހުރި ތަންތަނަށްވެސް ކަމާގުޅޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަދެ، ޗެކްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

މި އޮޕަރޭޝަންގައި އެއްކުރައްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މާލޭ 229 ތަނެއް ޗެކްކޮށްފައިވާއިރު، ސިފައިންގެ ޑޭޓާ ބޭސްއަށް މިހާތަނަށް އެންޓަރކުރައްވާފައިވަނީ އޭގެތެރެއިން 133 ތަނަކުން އެއްކުރައްވާފައިވާ މަޢުލޫމާތެވެ. ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ޗެކްކުރައްވާފައިވަނީ މާލޭގައި ހުރި ގުދަން ފަދަ ތަންތަނެވެ. މީގެތެރެއިން އިންޝުއުރެންސް ކޮށްފައިވަނީ އެންމެ %28 ގުދަނެވެ. އަދި %72 ގުދަން އިންޝުއަރެންސް ކޮށްފައެއްނުވެއެވެ. އަދި އަލިފާން ނިއްވާ ޒާތުގެ ސާމާނު ނުވަތަ އާލާތްތައް ހަރުކޮށްފައިވަނީ އެންމެ %45 ތަންތަނުގައެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދަވާ މި އޮޕަރޭޝަންގައި ސިފައިން އެއްކުރައްވާ މަޢުލޫމާތުތަކުގެ ތެރޭގައި، ބަލާ ފާސްކުރެވޭ ޢިމާރާތް ހަދާފައިވާގޮތާއި، ޢިމާރާތާއި ގުޅޭ މަޢުލޫމާތާއި، ގުދަނުގައި މުދާ ރައްކާކޮށްފައިހުރި ގޮތާއި، ކަރަންޓް ވަޔަރިންގ ހުރީ ރައްކާތެރިކޮށްތޯއާއި، ޢިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތްތައް ހިމެނެއެވެ. ހަމައެހެންމެ ވޯކްޝޮޕް ފަދަ ތަންތަނުގައި ވެލްޑިންގ މަސައްކަތްކުރާނަމަ އެމަސައްކަތްތައް ކުރަނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުތޯއާއި، ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އާލާތްތައް ބޭނުންކުރޭތޯވެސް ދަނީ ބައްލަވަމުނެވެ. މިފަދަ މަޢުލޫމާތުތައް ދުރާލާ އެއްކުރެވި، ސިފައިންގެ ޑޭޓާ ބޭސްއަށް އެންޓަރކުރެއްވުމުން، އިމާރާތެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި ހާލަތެއްގައި ޢަމަލުތައް ބަހައްޓާނޭގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތުލިބި، ދުރާލާ ތައްޔާރުވާން ފަސޭހަތަކެއްވެގެންދާނެކަން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހާމަކުރައްވައެވެ. އަދި މި އޮޕަރޭޝަނަށް އާއްމުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެމުން އަންނަކަންވެސް އެފަރާތުން ފާހަގަކުރައްވައެވެ.