ވިޔަފާރި

މިދިޔަ މަހު އިމްޕޯޓް ކުރި މުދަލުގެ އަގު 3.1 ބިލިއަން ރުފިޔާއަށް


މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ޖުމްލަ އަގު 3.1 ބިލިއަން ރުފިޔާއަށް އަރާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޮކްޓޫބަރު މަހު، 2.4 ބިލިޔަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނޮވެމްބަރު މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު %20 އިތުރުވެފައިވެއެވެ. ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިސްބަތް އިތުރުވީނަމަވެސް، ނޮވެމްބަރު މަހު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރުވަނީ އޮކްޓޫބަރު ލިބުނު އަދަދާ އަޅާ ބަލާއިރު ދަށްވެފައެވެ.

އޮކްޓޫބަރު މަހު ކަސްޓަމްސްއަށް ޑިއުޓީގެ ގޮތުގައި 367 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ނޮވެމްބަރު މަހު ލިބިފައިވަނީ 223 މިލިއަން ރުފިޔާއެވެ. މިއީ 208 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން 1.1 ބިލިއަން ރުފިޔާގެ މުދަލަކީ ސުން ރޭޓްގައި ޑިއުޓީނަގާ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 17 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ނޮވެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ %21 އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. %14 ސިންގަޕޫރުން އަދި %11 އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ.

ކަސްޓަމްސް އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރީ، 208 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރު ކުރި 335 މިލިއަން ރުފިޔާގެ މުދަލަށް ވުރެ 127 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ. ތައިލެންޑަށް 47 މިލިއަން ރުފިޔާގެ މަސް ބޭރު ކޮށްފައިވާއިރުު، އެމެރިކާއަށް 22 މިލިއަން ރުފިޔާ އަދި ސްރީލަންކާއަށް 21 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވެއެވެ.