ވިޔަފާރި

މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 3.9 އިންސައްތަ ކުރިއަރާނެ


ސަރުކާރުގެ ޢަމާޒަކީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެންނެވުމެވެ. އެގޮތުން އިޤްތިޞާދުގެ ތެރޭގައި ހިނގާ ގިނަގުނަ ކަންތައްތަކެއް ސަރުކާރުން ވަނީ އިތުރުކުރައްވާފައެވެ. 

އޭގެތެރޭގައި ޒުވާން ވިޔަފާރިވެރިން ވިޔަފާރީގެ ސިނާޢަތަށް ނެރުއްވުމަށް ބޭންކްތައް މެދުވެރިކުރައްވައި ގިނަ ޢަދަދެއްގެ ލޯން ވަނީ ދޫކުރައްވާފައެވެ. އަދި އިޤްތިޞާދުގެ ތެރޭގައި މީގެ ކުރިން ދުވަހަކުވެސް ނުހިންގާވަރުގެ ބޮޑެތި ބިޔަ މަޝްރޫޢުތައް ވަނީ ފަށްޓާވާފައެވެ. އަދި ތާރީޚްގައި މިހާތަނަށް އެންމެ ގިނަ މަޝްރޫޢުތައް އެއްފަހަރާ ހިންގަން ފަށްޓަވާފައިވަނީވެސް މި ސަރުކާރުންނެވެ. 

2014 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރު ކުރިއަރާފައިވަނީ، 3.4 އިންސައްތައަށެވެ. އަދި ޖެހިގެން އައި ދެހާސް ފަނަރަވަނަ އަހަރު އުފެއްދުންތެރިކަން ކުރިއަރާފައިވާ މިންވަރު ވަނީ 2.8 އިންސައްތައަށް ދަށްވެފައެވެ. ނަމަވެސް މި ހިނގާ ދެހާސް ސޯޅަވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާފައިވާ މިންވަރު ވަނީ ފާއިތުވި ދެއަހަރަށްވުރެވެސް އިތުރުވެފައެވެ. އެގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް ޖީޑީޕީގެ އަންދާޒާތައް ދައްކަނީ، ތިނެއް ޕޮއިންޓް ނުވައެއް އިންސައްތަށެވެ. 

އެހެންނަމަވެސް މިއަދަދަކީ، 2015 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އުފެއްދުންތެރިކަން 2016 ވަނަ އަހަރު ކުރިއަރާނެކަމަށް އަންދާޒާކުރެއްވި 6.4 އިންސައްތަ އަށްވުރެ 2.5 އިންސައްތަ ދަށް އަދަދެކެވެ. ކުރިން އަންދާޒާކުރެއްވި ވަރަށް މިއަހަރު އުފެއްދުންތެރިކަން ކުރިއަރާފައި ނުވަނީ، ރާއްޖޭގެ އެންމެ ބޮޑު އިޤްތިޞާދީ ސިނާޢަތް ފަތުރުވެރިކަމުގެ ދާއިރާ ލަފާކުރި މިންވަރަށް ކުރިއަރާފައި ނުވުމެވެ. 

2017 ވަނަ އަހަރަށް ބަލާލާއިރު، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް އަންދާޒާ ކުރައްވާފައިވަނީ، 4.7 އިންސައްތައަށެވެ. މިކުރިއެރުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، 2017 ވަނަ އަހަރު އިމާރާތްކުރުމުގެ ދާއިރާއަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއި އަދި ފަތުރުވެރިކަމުގެ ދާއިރާ މިހާރު އޮތް މަޑުޖެހުމުން އަރައިގަނެ އިތުރަށް ހަލުވިވާނެކަމަށް ލަފާކުރައްވާފައެވެ. 

ދެހާސް ސަތާރަވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓަކީ، 7.303 މިލިއަން ރުފިޔާ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.0 އިންސައްތައެވެ. މިއީ، ބަޖެޓް ޑެފިސިޓްގެ ގޮތުގައި ދެހާސް ސޯޅަވަނަ އަހަރަށް މިހާރު އަންދާޒާކޮށްފައިވާ 3.4 ބިލިއަން ރުފިޔާ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 4.7 އިންސައްތަ އަށްވުރެ ދަށް އަދަދެކެވެ.