ގއ. ގެމަނަފުށީގައި އެރަށު ޒުވާނުން ހަދާފައިވާ ދެ މައިޒާނެއްވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ހުޅުއްވާދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުލްޤައްޔޫމް ގެމަނަފުށީގައި ހުޅުއްވައިދެއްވި ދެ މަޒާނަކީ "މާރެހާ ވިއު" ކިޔާ މައިޒާނަކާއި "ޒީރޯ" ނަމަކަށް ކިޔާ މައިޒާނެކެވެ. އެގޮތުން ފުރަތަމަ ހުޅުއްވައިދެއްވީ އެރަށުގެ އުތުރުކޮޅުގައި ޒުވާނުން ތައްޔާރުކޮށްފައިވާ ހިތްފަސޭހަ މައިޒާނެއް ކަމުގައިވާ " މާރެހާ ވިއު" މައިޒާންއެވެ. މިމައިޒާނަށް ނަން ދީފައިވަނީ އެސަރަޙައްދު ކުރިމަތީ އޮންނަ ފަޅު ރަށެއްކަމުގައިވާ މާރެހާއަށް ނިސްބަތްކޮށެވެ. ރަށުގެ އުތުރުކޮޅުގެ ބީޗް ހިމެނޭހެން މިމައިޒާން ތައްޔާރުކޮށްފައި ވަނީ ޢާއިލާއާއެކު ހިތްފަސޭހަކޮށްލެއްވޭ ފަދަ އިންތިޒާމްތަކާއެކުއެވެ.
img:http://s2.psmnews.mv/images/660x400/14816381626402.jpg|ގެމަނަފުށީގައި ހަދާފައިވާ ޒީރޯ މައިޒާން ހުޅުވައިދެއްވުމަށްފަހު ވަޑައިގަންނަވަނީ / ފޮޓޯ: ޕީއެސްއެމް
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވާދެއްވި ދެވަނަ މައިޒާނަކީ އެރަށުގެ ދެކުނުކޮޅުގައި ޒުވާނުން ތައްޔާރުކޮށްފައިވާ "ޒީރޯ" މައިޒާންއެވެ. މިމައިޒަނަކީ ކޮފީ ފަދަ ތަކެތި ލިބޭނެ ފަދަ އިންތިޒާމަކާއެކު ތައްޔާރުކޮށްފައިވާ މައިޒާނެކެވެ. މައިޒާންތައް ހުޅުއްވާދެއްވުމަށްފަހު މި ދެ މައިޒާން ތައްޔާރުކުރެއްވި ޒުވާނުންނާ ރައީސް ބައްދަލުކުރެއްވިއެވެ.
img:http://s4.psmnews.mv/images/660x400/14816382013678.jpg|ޒީރޯ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީއާއި އިސްލާމިކް މިސްޓަރ އަޙްމަދު ޒިޔާދާއި، ޓޫރިޒަމް މިނިސްޓަރ މުސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މައިޒާން ހުޅުއްވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ލައިވް މިއުޒިކާއެކުއެވެ.