ޚަބަރު

ފަތުވާ މަޖިލީހަށް ބޭފުޅުން އައްޔަނު ކުރައްވައިފި


އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ދިވެހި ރައްޔިތުންގެ ދީނި އެއްބައިވަންތަކަމުގެ ޤާނޫނަށް ގެންނެވި އިޞްލާޙާ އެއްގޮތަށް އެކުލަވާލައްވައިފިއެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަސް ބޭފުޅުންނެވެ.

އެ ބޭފުޅުންނަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ، ގ.ގަސްކަރަ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ ނާއިބު ފ.ނިލަންދޫ ބިއްދޮށުގޭ އައްޝައިޚް އިބްރާހީމް އަޙްމަދާއި އިސްލާމިކް ޔުނިވަރސިޓީގެ ޑީން ޅ.ނައިފަރު ވިންޓަރގްރީން އަލްއުސްތާޛު އިސްޙާޤު މުޙައްމަދުފުޅާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރ އއ.ތޮއްޑޫ އަސްރަފީގޭ އައްޝައިޙް އާދަމް ޝަމީމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުޝްރިފް މުޝާޢިދު، އަލްއުސްތާޛު ޙަސަން ތައުފީޤެވެ.

މި ބޭފުޅުންގެ ތެރެއިން ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި އަލްއުސްތާޛު އިސްޙާޤު މުޙައްމަދުފުޅާއި އައްޝައިޚު އިބްރާހީމް އަޙްމަދަކީ، ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާގެ މެންބަރުންގެ ގޮތުގައި ޢައްޔަންކުރެއްވި 3 މެންބަރުންނެވެ. އަލްއުސްތާޛު ޙަސަން ތަޢުފީޤަކީ އިސްލާމިކް މިނިސްޓަރގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވި މެންބަރެކެވެ. އަދި އައްޝައިޚް އާދަމް ޝަމީމަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިޔާ ޢައްޔަން ކުރައްވާ މެންބަރެއްގެ ގޮތުގައި ފަތުވާދޭ މަޖިލީހަށް ޢައްޔަންކުރެއްވި މެންބަރެކެވެ.