ތަޢުލީމު

ތައިލެންޑަށް ފުރާ ގާރލްގައިޑުންނާ، މިނިސްޓަރ ބައްދަލުކުރައްވައިފި


ތައިލޭންޑުގައި ބާއްވާ ނޭޝަނަލް ސްކައުޓް ކޭމްޕްގައި ބައިވެރިވާ ދިވެހި ގާރލްގައިޑުންނާ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ސްކޫލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ތައިލެންޑަށް ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިންވެސް ބައިވެރިވެފައިވެއެވެ.

މިމަހުގެ 14 ން 21 އަށް ތައިލެންޑްގެ ޗޮންބުރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަޖިރަވުދު ޖަމްބޮރީގައި ރާއްޖޭގެ 55 ދަރިވަރަކު ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. 12 ޤައުމަކުން 1000 ދަރިވަރުން މި ޖަމްބޮރީގައި ބައިވެރިވާނެކަމަށް ގާރލްގައިޑް އެސޯސިއޭޝަން އޮފް މޯލްޑިވްސުން ބުނެއެވެ.

ތައިލޭންޑްގެ ނޭޝަނަލް ސްކައުޓް ޖަންބޮރީގައި ބައިވެރިވާ ދަރިވަރުންނާ ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މިފަދަ ޔުނިފޯމް ޙަރަކާތްތަކަކީ ސްކޫލް ދައުރުގައި ދަރިވަރުންނަށް ގިނަ ތައްތަކެއް ދަސްވާނެ ޙަރަކާތްތަކެއްކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުފައި ދަރިވަރުން ސްކޫލް ނިމިގެންދާއިރު އެ ދަރިވަރުންނަކީ މުޖްތަމަޢުގެ ތެރޭގައި އެހެން މީހުންނާ އެކީގައި އުޅެން އެނގޭ އަދި ދަރިވަރުންގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރާއި އެހެން މީހުންގެ ފަރާތުން ލިބެންވާ އިޙްތިރާމް ލިބޭ ގޮތަށް އުޅެން އެނގޭ ދަރިވަރުންތަކެއް ކަމުގައި ބައްޓަންކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށެވެ.

ރާއްޖޭއިން ބޭރަށްދާ ދަރިވަރުންނަކީ ރާއްޖޭގެ ނަން ކިލަނބުނުވާނެ ފަދައިން މަސައްކަތްކުރާ، އަދި ރާއްޖޭ ފަޚްރުވެރިވާނެފަދަ މަސައްކަތްތަކެއް ކުރާނެ ދަރިވަރުންނަށް ވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. ތައިލެންޑުގައި މިބާއްވާ ޖަމްބޮރީގެ ޝިޢާރަކީ" ކޮންމެ ކަމަކީވެސް ކުރެވިދާނެ ކަމެއް" މި ޝިޢާރެވެ. ޖަންބޮރީގައި މި ޝިއާރުގެ ދަށުން ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ތައިލެންޑުގެ މުހިންމު ތަންތައް ބަލާލުމަށް ހަމަޖެހިފައިވާކަމަށް ގާރލްގައިޑް އެސޯސިއޭޝަނުން ހާމަކުރެއެވެ.