ޚަބަރު

މަސްވެރިންގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ފްޑްފެއަރއެއް


މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ބާއްވަވަމުން އަންނަ ފުޑްފެއަރ ގެމަނަފުށީގައި ފަށްޓަވައިފިއެވެ.

ކޮންމެ އަހަރެއްގެ ވެސް މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން، ކާބޯތަކެތީގެ މައުރަޒެއް ނުވަތަ ފުޑް ފެއަރއެއް ބާއްވަވައެވެ. މިފަހަރުގެ ފުޑް ފެއަރ ޚާއްޞަ ކުރައްވާފައިވަނީ ގެމަނަފުށީގެ ރައްޔިތުންނަށެވެ.

ދެދުވަހުގެ މުއްދަތަށް ގެމަނަފުށީ ސްކޫލްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފެއަރ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީއާއި ރައްޔިތުންގެ މަޖިީލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރ ޖަމީލް އުސްމާނެވެ. މިމައުރަޒްގައި ގެމަނަފުށީ ކޯޕަރޭޓިވް ސޮސައިޓީއާއި ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ އިތުރުން ގެމަނަފުށީގެ ބައެއް ގޭގޭގައި އުފައްދާ ބާވަތްތައް ހިމަނާފައިވެއެވެ.

މި މައުރަޒާ ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އާދަމް ޒިޔާދު ވިދާޅުވީ، މިފަހަރުގެ ފެއަރ ގެމަނަފުށީގެ ރައްޔިތުންނަށް ޚާއްޞަކޮށްފައި ވުމުން ގެމަނަފުށީގެ ގޭގޭގައި، މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެެތި ވިއްކުމުގެ ފުރުޞަތު ގެމަނަފުށީގެ ރައްޔިތުންނަށް ލިބިގެންދާނެކަަމަށެވެ.

މި މައުރަޒްގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ މިއީ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށާާއި އުންމީދުކުރި ވަރަށް ވުރެ ރަނގަޅަށް ތަކެތި ވިކެމުންދާކަމަށެވެ. އަދި މި ފެއަރގައި ތަކެތި ވިއްކަމުންދަނީ އާންމުކޮށް ވިއްކާ ވަރަށްވުރެ އަގުހެޔޮކޮށް ކަން އެފަރާތްތަކުން ފާހަގަކުރެއެވެ.



މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވަވާ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ ގެމަނަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި މި ފެއަރއަށް އެމަނިކުފާނު މާދަމާ ޒިޔާރަތް ކުރައްވާނެއެވެ.