ޚަބަރު

އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ރާއްޖެ ކުރިއެރުންތަކެއް ހޯދައިފި


ކުޑަ ޤައުމަކާ ބަލާއިރު ވޭތުވެދިޔަ އަހަރުތަކުގައި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ދިވެހިރާއްޖެ ހޯދާފައިވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއްކަމަށް ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރ އެލޭން ސައިބެނޭލަރ ވިދާޅުވެއްޖެއެވެ. 

ނޭޝަނަލް ހިއުމަންރައިޓްސް ފްރޭމްވޯކް އިފްތިތާޙްކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔޫ.އެން.އެފް.ޕީ.އޭގެ ކަންޓްރީ ޑިރެކްޓަރ ވިދާޅުވީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޭގެތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތައް އެކުލަވާލައި، ދެމެހެއްޓެނިވި ގޮތެއްގައި ޙައްޤުތައް ކަށަވަރުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އދ.ން ބަލައިގަންނަ މަސައްކަތްތަކެއްކަމަށް ޔޫއެންއެފްޕީއޭގެ ކަންޓްރީ ޑިރެކްޓަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ރާއްޖެއިން އިސްކަންދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، މިދާއިރާއިން ކުރަންޖެހޭ އިތުރު މަސައްކަތްތައް އަދިވެސް އެބަހުރިކަމަށެވެ. އަދި އަލަށް އެކުލަވާލާފައިވާ އިންސާނީ ޙައްޤުތަކާބެހޭ ފްރޭމްވޯކްގެ ސަބަބުން މިމައްސަލަތައް ދެނެގަނެވިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.