ޚަބަރު

ރަސޫލާ ދެއްކެވި ނަމޫނާގައި ދެމި ތިބުމަށް އިލްތިމާސް ކުރައްވައިފި


ކީރިތި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ހަޔާތްޕުޅުން ފިލާވަޅު ލިބިގަނެ، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތެވުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ޔާމީން މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ ކީރިތި ރަސޫލު صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ރަސޫލާގެ އީދު މީލާދު ފަދަ މުނާސަބަތެއް އިޙްތިފާލު ކުރުމުގެ އެންމެބޮޑު ބޭނުމަކަށްވާންޖެހޭނީ، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައިވާ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި، އެކަލޭގެފާނުގެ ސީރަތުން ޢިބްރަތް ހާސިލުކުރުން ކަމަށް ވިދާޅުވެފައިވެއެވެ.

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސޫލާގެ ހަޔާތްޕުޅުން ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގައި އެންމެން ދެމި ތިބުމުގެ ފިލާވަޅުކަން ބަޔާން ކުރައްވާފައެވެ. އަދި ރަސޫލާދެއްކެވި، އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި، އެކަކު އަނެކަކަށް އޯގާތެރިވުމުގެ ފިލާވަޅުތަކުން އިބްރަތް ހާސިލުކޮށް، އަޅުގަނޑުމެންގެ މެދުގައިވާ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމުގެ ޢަޒުމް އާކުރުމަކީ، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތް މަތިވެރި ޤައުމީ ވާޖިބެއްކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

---

ކީރިތި ރަސޫލު صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބު

---

ކީރިތި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ. ހަމައެހެންމެ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި އަދި މުޅި އިސްލާމީ އުންމަތަށް މި މުނާސަބަތުގެ ތަހުނިޔާ ފޮނުވަމެވެ.

މާތްﷲ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ރަސޫލުކަމާއިގެން ފޮނުއްވީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްގެ ގޮތުގައެވެ. އެކަލޭގެފާނަކީ އެންމެ ފުރިހަމަ މާނައިގައި އިންސާނީ ޙަޟާރަތެއް މި ދުނިޔޭގައި ޤާއިމުކުރެއްވި ނަބިއްޔާއެވެ. އެހެންކަމުން، މިފަދަ މުނާސަބަތެއް އިޙްތިފާލު ކުރުމުގެ އެންމެބޮޑު ބޭނުމަކަށްވާންޖެހޭނީ، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތުގައިވާ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައި، އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާއި، އެކަލޭގެފާނުގެ ސީރަތުން ޢިބްރަތް ހާސިލުކުރުމެވެ.

ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم ގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގައި އެންމެން ދެމި ތިބުމުގެ ފިލާވަޅެވެ. އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި، އެކަކު އަނެކަކަށް އޯގާތެރިވުމުގެ ފިލާވަޅެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައިވާ އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ޞުލްޙަމަޞްލަޙަތު ދެމެހެއްޓުމުގެ ޢަޒުމް އާކުރުމަކީ، މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ މައްޗަށް އޮތް މަތިވެރި ޤައުމީ ވާޖިބެކެވެ. އެހެންކަމުން އެ ފިލާވަޅުން އަޅުގަނޑުމެން ޢިބްރަތް ހާސިލުކޮށް، އެއްބައިވަންތަކަމާއި ހަމަހަމަކަމުގެ އުސޫލުތަކަށް ޙުރްމަތްތެރިކޮށްހިއްތެވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށިއެވެ! ކީރިތި ރަސޫލާ މި އުންމަތަށް ދައްކަވައިދެއްވި ފުރިހަމަ ރިވެތި ނަމޫނާގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫޙު އަޅުގަނޑުމެންގެ މެދުގައި ދަމަހައްޓަވާށިއެވެ! ރާއްޖޭގައި އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރައްވާށިއެވެ! އާމީން.