ޚަބަރު

މަސްވެރިކަމުގެ ޤައުމީ މަހާސިންތާ ގއ. ގެމަނަފުށީގައި ފަށްޓަވައިފި


މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ބައިވެރިކުރައްވައިގެން ފިޝަރީޒް މިނިސްޓްރީން ބާއްވަވާ މަސްވެރިންގެ ޤައުމީ މަހާސިންތާ ގއ. ގެމަނަފުށީގައި ފަށްޓަވައިފިއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ސަރުކާރުން ކުރިޔަށް ގެންދަވާ ގެމަނަފުށީގައި މި މަހާސިންތާ ފަށްޓަވައިދެއްވީ ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިއާންއެވެ.

މަސްވެރިންގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކަމަކަށެވެ. އެއީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މިހާރު ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެންހުރި ކަންތައްތަކާމެދު މަޝްވަރާ ކުރުމާއި، ދިވެހި މަސްވެރިކަމާބެހޭ ޤާނޫނުގެ ބިލްގެ ދެލިކޮޕީއާމެދު މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.

މަސްވެރިންގެ ޤައުމީ މަހާސިންތާގައި ޖުމްލަ 50 ފަރާތަކުން ބައިވެރިވެއެވެ. އެއީ ރާއްޖޭގެ އެކި ސަރަޙައްދަކުން 30 މަސްވެރިންނާއި، މަސްވެރިކަމުގެ ސިޔާޢަތުގައި ޙަރަކާތްތެރިވާ 10 ފަރާތާއި، ގެމަނަފުށިން ބައިވެރިވާ 10 މަސްވެރިންނެވެ. މި މަހާސިންތާގައި މިއަދު މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތަކާއި ބެހޭގޮތުންނެވެ. އަދި މާދަމާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމުގެ އައު ބިލުގެ މައްޗަށެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޙުސައިން ސިނާން ވިދާޅުވީ، މި ބިލާ ބެހޭގޮތުން އެ މިނިސްޓްރީއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ފަރާތްތަކާއި ދައުލަތުގެ އެކި މިނިސްޓްރީތަކާއި މަޝްވަރާ ކުރައްވާ، ޚިޔާލު ހޯއްދެވުމުގެ ބައި ނިމިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާތަކަށް މި ބިލް ހުށައެޅުމަށް ކަމާބެހޭ މުއައްސަސާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިލަކީ މަސްވެރިންނަށް ހުރި ގޮންޖެހުންތަކަށް ޙައްލު ލިބޭނެ އަދި ރާއްޖެއިން ބޭރުގައި މަސްވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް މަގުފަހިވާނެ ބިލަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި މަހާސިންތާ ނިމޭއިރު ފިޝަރީޒް މިނިސްޓްރީގެ މަސްވެރިކަމާބެހޭ ޕޮލިސީ ޑޮކިއުމެންޓެއް ތައްޔާރުކުރެވި، އެ ޕޮލިސީ ޑޮކިއުމެންޓް ޝާއިޢުކުރެވޭ މިންވަރަށް ނިންމާލެވޭނެ ކަމަށެވެ. މިހާރު މަސްވެރިކަމުގައި ޢަމަލުކުރަމުންދާ ޤާނޫނަކީ 1987 ވަނަ އަހަރު ހަދާފައިވާ ޤާނޫނެކެވެ.