ޚަބަރު

"16 ޑޭސް އޮފް އެކްޓިވިޒަމް"ގެ ދަށުން ކުޑަކުދިންގެ ހަވީރެއް


އަންހެނުންނާއި އަދި އަންހެންކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޢާއްމުން ހޭލުންތެރި ކުރެއްވުމަށް ހިންގަވާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިންގެ ދަށުން ކުޑަކުދިންގެ ޚާއްޞަ ހަވީރެއް މިއަދު ފާހަގަކުރައްވައިފިއެވެ. ފެމިލީ ޕްރޮޑެކްޝަން އޮތޯރިޓީއާއި ހޯޕް ފޮރ ވުމަން ޖަމްޢިއްޔާ ގުޅިގެން އިންތިޒާމްކުރެއްވި މި ކުޑަކުދިންގެ ހަވީރު ފާހަގަކުރެއްވީ ސޯޝަލް ސެންޓަރުގައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އަންހެނުންނަށް ކުރާ އަނިޔާ ރެކޯޑްކުރެވޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އަންހެނުންނާއި އަދި އަންހެން ކުދިންނަށް ކުރާ އަނިޔާގެ 300 އަށްވުރެ ގިނަ މައްސަލަ ވޭތުވެދިޔަ 2015 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން މިފަދަ ކަންކަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ޖެންޑަރ މިނިސްޓްރީއާއި، ކަމާގުޅޭ އިދާރާތަކުގެ އިތުރުން ބައެއް އަމިއްލަ ޖަމިއްޔާތައް ގުޅިގެން ގެންދަވަނީ ތަފާތު ޙަރަކާތްތައް ހިންގަވަމުންނެވެ. img:http://s4.psmnews.mv/images/660x400/14813084644686.jpg|16 ޑޭސް އޮފް އެކްޓިވިޒަމްގެ ދަށުން ފާހަގަކުރި ކުޑަކުދިންގެ ހަވީރުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ޙަރަކާތަކީ އަންހެނުންނާއި އަދި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ޔޫ.އެން ވިމެން އިން އިސްނަގައިގެން ފަށާފައިވާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިނާއި ގުޅުވައިގެން ރާއްޖޭގައި ހިންގަވާ ހަރަކާތްތަކެކެވެ. "އޮރެންޖް" ދަ ވޯލްޑް" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދަވާ މި ކެމްޕެއިނަކީ 2030 އަހަރަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އަންހެނުންނަށާއި، އަންހެން ކުދިންނަށް ދިމާވާ އެކިކަހަލަ ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލެއްވުމަށް އަމާޒުކުރައްވައިގެން ހިންގަވާ ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ ދަށުން ފާހަގަކުރެއްވި ކުޑަކުދިންގެ ހަވީރާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެމިލީ ޕްރޮޑެކްޝަން އޮތޯރިޓީގެ ފެމިލީ ޕޮލިސީ ޕްރޮގްރާމްސް އެންޑް އެޑްވޮކަސީގެ ޑިރެކްޓަރ ޒީނަތު ޝާކިރު ވިދާޅުވީ، މިފަދަ ޙަރަކާތެއް ހިންގެވުމުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ، ޢާއިލާއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ހޯދައިދިނުމާއި މުޖުތަމަޢުގައި ހުރި މިފަދަ މައްސަލަތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކަން އިތުރުކުރެއްވުން ކަމަށެވެ. އެގޮތުން އަންހެނުންނަށް ކުރާ އެކިކަހަލަ އަނިޔާތަކާ ގުޅޭގޮތުންނާއި އެފަދަ ކަންކަން ހުއްޓުވުމަށް ކުރެވިދާނެ ތަފާތު ކަންކަމާ ގުޅޭގޮތުން، މި ޙަރަކާތުގައި ހިމެނުއްވި ސްޓޯލްތައް މެދުވެރިކޮށް، މަޢުލޫމާތު ދެއްވިކަމަށެވެ. img:http://s1.psmnews.mv/images/660x400/14813084830904.jpg|16 ޑޭސް އޮފް އެކްޓިވިޒަމްގެ ދަށުން ފާހަގަކުރި ކުޑަކުދިންގެ ހަވީރުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ގަޔާވާފަދަ ތަފާތު އެކި ކަހަލަ ކުޅިވަރުތައް ކުރިއަށް ގެންދެވިއެވެ. އަދި ފަންޑްރެއިޒް ކުރުމަށްވެސް ތަފާތު ޙަރަކާތްތައް ވަނީ ހިންގަވާފައެވެ. މި ހަރަކާތުން އެއްކުރެއްވި ފައިސާ، އަންހެނުންނާއި އަދި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ ތަފާތު ޙަރަކާތްތައް ޚަރަދު ކުރެއްވުމަށް ނިންމާފައިވާ ކަމަށް ފެމިލީ ޕްރޮޑެކްޝަން އޮތޯރިޓީން ވިދާޅުވެއެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ޢާއްމުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ޔޯގާގެ ޚާއްޞަ ޙަރަކާތެއްވެސް މި ހަވީރުގެ ތެރެއިން ވަނީ ކުރިއަށް ގެންދަވާފައެވެ. "16 ޑޭސް އޮފް އެކްޓިވިޒަމް" މި ކެމްޕެއިން ފެއްޓެވީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މި ކެމްޕެއިން ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2016 ގައެވެ.