ޚަބަރު

މަސްވެރިންގެ ޤައުމީ މަހާސިންތާ މާދަމާ ގެމަނަފުށީގައި ފަށާނެ


މަސްވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ބައިވެރިކުރައްވައިގެން ފިޝަރީޒް މިނިސްޓްރީން ބާއްވަވާ މަހަސިންތާއެއް މާދަމާ ގއ. ގެމަނަފުށީގައި ފަށްޓަވާނެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލްތައް ސަރުކާރުން ކުރިޔަށް ގެންދަވާ ގެމަނަފުށީގައި މި މަހާސިންތާ ބާއްވަވަނީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޕްރޮގްރާމްގައި ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައި ހިމެނިގެންވެސްމެއެވެ.

ގއ. ގެމަނަފުށީގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންރިކަލްޗަރުން، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ އިޙްތިފާލްތައް ހިނގަމުން އަންނަ ދުވަސްވަރު ބާއްވަވާ މަސްވެރިކަމާބެހޭ މަހާސިންތާއިން މައިގަނޑު ދެ ބޭނުމެއް ފުރިހަމަ ކުރެއްވުމަށް ކަނޑައަޅުއްވާފައިވެއެވެ. އެއްކަމަކީ، ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މިހާރު ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެންހުރި ކަންތައްތަކާމެދު މަޝްވަރާ ކުރެއްވުމެވެ. އަނެއް ކަމަކީ، ދިވެހި މަސްވެރިކަމާބެހޭ ޤާނޫނުގެ ބިލްގެ ދެލިކޮޕީއާމެދު މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.

މަސްވެރިންގެ ޤައުމީ މަހާސިންތާގައި ޖުމްލަ 50 ފަރާތެއް ބައިވެރިވާނެއެވެ. އެއީ ރާއްޖޭގެ އެކި ސަރަޙައްދަކުން 30 މަސްވެރިންނާއި، މަސްވެރިކަމުގެ ސިޔާޢަތުގައި ޙަރަކާތްތެރިވާ 10 ފަރާތާއި، ގެމަނަފުށިން ބައިވެރިވާ 10 މަސްވެރިންނެވެ. މި މަހާސިންތާގައި ބައިވެރިން މިހާރު ވަނީ ގެމަނަފުއްޓަށް ޖަމާވެފައެވެ. އަދި މިފަރާތަތަކަށް ގެމަނަފުށީ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މަހާސިންތާގެ ފުރަތަމަ ދުވަހު އޮންނާނީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމެވެ. ދެވަނަ ދުވަހު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމުގެ އައު ބިލްގެ މައްޗަށެވެ. img:http://s1.psmnews.mv/images/660x400/14812744347532.jpg|މަސްވެރިންގެ ޤައުމީ މަހާސިންތާގެ ބައިވެރިން ގެމަނަފުއްޓަށް ޒިޔާރަތް ކުރުން - ފޮޓޯ: ޕީއެސްއެމް

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޙުސައިން ސިނާން ވިދާޅުވީ، މި ބިލާ ބެހޭގޮތުން އެ މިނިސްޓްރީއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ފަރާތްތަކާއި ދައުލަތުގެ އެކި މިނިސްޓްރީތަކާއި މަޝްވަރާ ކުރައްވާ، ޚިޔާލު ހޯއްދެވުމުގެ ބައި ނިމިފައިވާ ކަމަށެވެ. ދެން އޮތީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯއްދެވުން ކަމަށް ސިނާން ވިދާޅުވިއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާތަކަށް މި ބިލް ހުށައެޅުމަށް ކަމާބެހޭ މުއައްސަސާތަކާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. މި ބިލަކީ މަސްވެރިންނަށް ހުރި ގޮންޖެހުންތައް ޙައްލު ލިބޭނެ އަދި ރާއްޖެއިން ބޭރުގައި މަސްވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް މަގުފަހިވާނެ ބިލަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

"މިހާރު ތައްޔާރުކޮށްފައި އޮތް ޑްރާފްޓަކީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްޢިއްޔާގެ ލީގަލް ކޮންސަލްޓަންޓްގެ އެހީތެރިކަމާއެކު އަޅުގަނޑުމެން ތައްޔާރުކުރި ބިލެއް. މި ބިލާބެހޭގޮތުން މިހާރު އަޅުގަނޑުމެން މަޝްވަރާކޮށްފިން ވޯލްޑް ބެންކާއި އިފާޑާއި ޖައިކާއާ. މިއީ އަޅުގަނޑުމެންނަށް މާލީ އެހީތެރިކަން ދެއްވާ ފަރާތްތައް. މިބޭފުޅުން ވަރަށް ބޮޑަށް ފާހަގަކުރެއްވި މިހާރު ތައްޔާރުކޮށްފައިއޮތް ޑްރާފްޓްގެ ރަނގަޅުކަން. މި ބިލް އިތުރަށް ފުރިހަމަ ކުރުމަށް މިވަގުތު މަސްވެރިންނަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯއިދެވިދާނެ. އެބޭފުޅުންނަށް ޔަޤީންކަން ދިނުން މި މަހާސިންތާގެ އެންމެ ބޮޑު ބޭނުމަކީ" ސިނާން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، މި މަހާސިންތާ ނިމޭއިރު ފިޝަރީޒް މިނިސްޓްރީގެ މަސްވެރިކަމާބެހޭ ޕޮލިސީ ޑޮކިއުމެންޓެއް ތައްޔާރުކުރެވި، އެ ޕޮލިސީ ޑޮކިއުމެންޓް ޝާއިޢުކުރެވޭ މިންވަރަށް ނިންމާލެވޭނެ ކަމަށެވެ. މިހާރު މަސްވެރިކަމުގައި ޢަމަލުކުރަމުންދާ ޤާނޫނަކީ 1987 ވަނަ އަހަރު ހަދާފައިވާ ޤާނޫނެކެވެ.