ކުޅިވަރު

ނާއްޓޭ އީގަލްސްއަށް ބަދަލުވެއްޖެ


ޤައުމީ ޓީމާއި، މާޒިޔާގެ ހަލުވި ވިންގަރ އަހުމަދު ނާޝިދު ( ނާއްޓޭ ) އީގަލްސްއަށް ސޮއިކޮށްފިއެވެ. ކުރިއަށް އޮތް ސީޒަންގައި އީގަލްސްއަށް ކުޅެން ނާއްޓޭ ސޮއިކުރިކަން އީގަލްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާ ދޫކޮށް، ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން އީގަލްސްއަށް ބަދަލުވި ނާއްޓޭއަކީ ކުރިއަށް އޮތް ސީޒަނަށް ކްލަބް ބަދަލުކުރިކަން ހާމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އެހެން ބައެއް ކުޅުންތެރިން ކްލަބްގައި މަޑުކުރިކަން ނުވަތަ މަޑުކުރަން ނިންމިކަން މިހާތަނަށް އައިއިރު ހާމަކޮށްފައިވެއެވެ.

ފާއިތުވި ދެ ސީޒަންގައިވެސް މާޒިޔާގައި މޮޅަށް ކުޅެ، ޤައުމީ ޓީމްގައިވެސް މޮޅަށް ކުޅުނު ނާއްޓޭއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހަލުވި އެއް ކުޅުންތެރިޔާއެވެ. އަރިމަތިން އަރައި މުޙިންމު ގޯލްތައްވެސް ޖަހައިދީފައިވާ ކުޅުންތެރިޔާއަށް މާޒިޔާގެ ވަރުގަދަ ސްކޮޑްގެ ފުރަތަމަ އެގާރައިގެ ދާއިމީ ޖާގައެއް ހޯދުމުގައި ނިމިގެންދިޔަ ސީޒަންގައި އުނދަގޫތަކެއް ކުރިމަތިވިއެވެ.

ނާއްޓޭ އީގަލްސްއަށް ސޮއިކުރިއިރު، އީގަލްސްގެ މުޙިންމު ގިނަ ކުޅުންތެރިން ވަނީ ކްލަބްގައި މަޑުކޮށްފައެވެ. އޭގެތެރޭގައި ކެޕްޓަން އިމްރާން ނަޝީދު، މިޑްފީލްޑަރ އަހުމަދު ޒާދު އަދި ލަންކާ ކީޕަރު ސުޖަން ހިމެނެއެވެ.

މާޒިޔާއިންވެސް އަންނަނީ މުޙިންމު ކުޅުންތެރިން ކްލަބްގައި މަޑުކުރުވަމުންނެވެ. އެގެތުން ކެޕްޓަން އަސަދުﷲ އަބުދުﷲއާއި، އަސްއަދު އަލީ ( އަޑުބަރޭ ) ކްލަބްގައި މަޑުކުރަން ނިންމިކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ކީޕަރު އިމްރާން މުޙައްމަދާއި ނިއުރޭޑިއަންޓުން ވާހަކަދައްކަމުންދާކަމަށް މައުލޫމާތުލިބެއެވެ.