ޚަބަރު

އަވަސް އޮންލައިންގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި


ފަހުގެ ތާރީޚެއްގައި އުފައްދައި، ތަރައްޤީކުރަމުން އަންނަ އަވަސް އޮންލައިންގެ ދެވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ. ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިކަމަށްޓަކައި ބޭއްވި އިޙްތިފާލް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދުއެވެ.

އަވަސް އޮންލައިންއަށް ދެއަހަރު ފުރުމުގެ ގޮތުން ރޭ ބޭއްވި މި ހަފްލާގައި އަވަސް އޮންލައިންގެ އެންޑްރޮއިޑް ނިއުސް އެޕްލިކޭޝަނާއި ފޭސްބުކްގެ މެސެންޖަރ މެދުވެރިކޮށް އެ ނޫހުގެ ޚަބަރުތައް އާންމުންނަށް ކިޔޭނެ ގޮތް ވަނީ ތަޢާރަފްކޮށްފައެވެ.

ރޭގެ އިޙްތިފާލްގައި އެ ނޫހުގެ އެންމެ ޚިދުމަތްތެރި މުވައްޒަފުން ވަނީ އިޢުލާންކޮށްފައެވެ. މިގޮތުން އެންމެ ރަނގަޅު މުވައްޒަފުންގެ ގޮތުގައި ހޮވުނީ ބިޒްނަސް އެޑިޓަރު މުޙްއްމަދު އަފްރާޙްއާއި ސީނިއަރ އެޑިޓަރު އަޙްމަދު ނަދީމްއެވެ. އަފްރާހް އަދި ނަދީމަށް ވަނީ އަވަސް އޮންލައިންގެ ފަރާތުން ދޭ ޚާއްޞަ ގަލަމަކާއި 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މި އިނާމް އެ ދެ ނޫސްވެރިންނާ ހަވާލުކޮށްދެއްވީ އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރ އަޙްމަދު ނާއިފްއެވެ. 

ރޭގެ އިޙްތިފާލްގައި އަވަސް އޮންލައިންގެ ވޭތުވެދިޔަ ދެ އަހަރުދުވަހު މެދުކެނޑުމެއްނެތި ސްޕޮންސަރ ދެއްވި 5 ފަރާތަކަށް ގޯލްޑް ޕާރޓްނަރގެ ނަމުގައި އެވޯޑެއް ދިނެވެ. 

މި އިޙްތިފާލް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވަނީ، ރާއްޖޭގެ ތަރައްޤީއާއި އެއްބައިވަންތަކަމަށް ކުރެވޭ މަސައްކަތުގައި ނޫސްވެރިންގެ ޒިންމާއާއި ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި އިޙްތިފާލްގައި އަވަސްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހީމް ޢުމަރު މަނިކު ވިދާޅުވީ އެ ނޫސް ހިންގަވަން ޙަވާލުވެވަޑައިގެންނެވިއިރު އޮތް ޓީމްގެ އެއްބާރުލުމާއެކު، މަސައްކަތްކުރައްވައި، ކުރިމަތިވެޑައިގެންނެވި ގޮންޖެހުންތައް ގިރާކުރެއްވިފައިވާ ކަމަށެވެ.

އަވަސް އޮންލައިން ވުޖޫދަށް އައިސްފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައެވެ.