ޚަބަރު

މުޅި ދުނިޔެއަށް ސާކް ފުޅާކުރަންޖެހޭ- ފޮރިން މިނިސްޓަރ


ސާކްގެ ޤައުމުތަކުގެ ގުޅުމަކީ ދުނިޔެއަށް ނަމޫނާ ގުޅުމެއް ކަމަށާއި، ސާކްގެ މަސައްކަތްތައް މުޅި ދުނިޔެއަށް ފުޅާކޮށް، މުޅިދުނިޔެއަށް ފައިދާކުރަނިވި ޖަމިއްޔާއަކަށް ވުމުގެ ޤާބިލުކަން ސާކްގައި އެބަހުރިކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާރކް)ގެ 32 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ނެރުއްވި މެސެޖްގައި ވިދާޅުވެފައިވަނީ ސާރކް ވުޖޫދަށް އައިފަހުން މިވީ 32 އަހަރުގެ ތެރޭގައި ދެކުނު އޭޝިއާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް ގުޅިގެން ޤައުމުތަކުން ހޯދާފައިވާ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. އަދި ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތަކާ އެކުގައި، އެއްޤައުމު އަނެއްޤައުމުގެ ތަފާތުތައް ބަލައިގަނެ، އެކަންކަމަށް ޤަދަރުކޮށް ގުޅިގެން މަސައްކަތް ކުރުމަކީ ސާކްގެ ޤައުމުތަކުގެ ބަދަހި ގުޅުމުގެ އަސްލުކަމަށް މިނިސްޓަރގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ. 

ސާކަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ އިތުރުން މުޅި ދުނިޔެއަށްވެސް ޚިދުމަތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށާއި، މިކަން ޙާޞިލްކުރުމަށްޓަކައި ސާކްގެ މަސައްކަތްތައް އިތުރަށް ފުޅާކުރަންޖެހޭކަމަށް މިނިސްޓަރގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ. އަދި ސާރކްގެ ޤައުމުތަކުގެ މެދުގައި ހިންގާ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ސާކް އުފެދުނު ފަހުން ކުރިމަތިވި އެންމެހައި ގޮންޖެހުންތަކާ ގުޅިގެން ކުރިމަތިލީ ފަދައިން ކުރިއަށްއޮތް ތަނުގައިވެސް މިގޮތުގައި ދެމިތިބުމަށް ފޮރިން މިނިސްޓަރ ގޮވާލެއްވިއެވެ. ސާކްގެ 32 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ވަނީ ސާކްގެ ޤައުމުތަކަށާއި، ސާކްގެ ސެކްރެޓަރީ ޖެނެރަލްއަށް ދުވަހުގެ ތަޙުނިޔާ ފޮނުއްވާފައެވެ. 

1985 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އުފެދުނު ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން – ސާކް ޖަމިއްޔާ އުފެއްދުމުގައި ދިވެހިރާއްޖެއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.