ޚަބަރު

މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ހިއްސާ ދަނީ އިތުރުވަމުން


މިއަދަކީ ރާއްޖޭގެ ތިރީސް ހަވަނަ މަސްވެރިންގެ ދުވަހެވެ. މިދުވަސް މިއަހަރު ފާހަގަކުރެއްވުމުގެ ރަސްމީ އިޙްތިފާލްތައް ބޭއްވެވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވަނީ ގ.އ ގެމަނަފުށީގައެވެ. އެރަށް ވަނީ މިކަމަށް ތައްޔާރުވެފައެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވުމާއި ދިވެހިންނަކީ ފެށުނީއްސުރެ މަސްވެރިކަން ކުރަމުން އައި އަދި އެކަމުން ލިބޭ ޢާމްދަނީއަށް ބަރޯސާވި ބަޔަކަށްވުމާއެކު މަސްވެރިންނަކީ ދިވެހިންގެ ޚާއްޞަ ބައެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މަސްވެރިކަމުގައި ޙިއްސާވާއިރު މިއީ ރާއްޖެއަށް ނަފާހޯދަމުން ދިޔަ މައިގަނޑު މަސައްކަތެވެ. ނަމަވެސް ޒަމާނަށް އައި ބަދަލުތަކާއެކީ މަސްވެރިކަމުގެ ވައްޓަފާޅިއާއި މަސްވެރިކަމަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މިގޮތުން މަސްވެރިކަން ކުރަން އިހުޒަމާނުގައި ބޭނުންކުރި އުޅަނދުފަހަރު ޒަމާނީ އުޅަނދުތަކަށް ބަދަލުވެ، ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރަމުން އައި އައުމުގެ ބަދަލުގައި ކަނޑުގޮވާން ކުރުމުގެ މަސައްކަތްވެސް މިވަނީ ތަޢާރަފްވެފައެވެ.

މިއާއެކު މަސްވެރިކަމާ ގުޅުންހުރި އެކި ދާއިރާތައް އުފެދި، މި ދާއިރާތަކުން އިތުރު ޒުވާނުން ވަނީ ނުކުންނަން ފަށާފައެވެ. މިކަމަށް ބާރު އެޅުއްވުމުގެ ގޮތުން ސަރުކާރުން ވަނީ މި ސިނާޢަތުގައި މަސައްކަތްކުރަން ބޭނުންވާ ޒުވާނުންނަށް އިތުރު ހިއްވަރުދެއްވުމުގެ ގޮތުން ލޯނު ދޫކުރައްވަން ފަށްޓަވާފައެވެ.

މިގޮތުން މަހުގެ ބާވަތްތައް ތައްޔާރުކޮށް، އައު އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދެއްވުމުގެ ގޮތުން ތަފާތު މަސައްކަތްތައް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. މިގެތެރެއިން އެއްކަމަކީ ޒުވާނުންނަށް އަމާޒުކުރައްވައިގެން، މަސްވެރިކަމާގުޅޭ މަސައްކަތްތަކަށް ލޯނު ދޫކުރެއްވުމެވެ. މިގޮތުން 5.8 މިލިޔަން ރުފިޔާގެ ލޯނަށް ފުރުޞަތު ހުޅުއްވާލައްވައި، މިހާތަނަށް 87 ފަރާތަކަށް ލޯނު ދޫކުރައްވާފައިވެއެވެ. އެފަރާތްތަކަށް ޖުމްލަ 4.2 މިލިއަން ރުފިޔާގެ ލޯނުފައިސާ ފިޝަރީޒް މިނިސްޓްރީން ދޫކުރައްވާފައިވެއެވެ. ލޯނު ލިބުނު ފަރާތްތަކުގެ ތެރޭގައި 53 ފިރިހެނުންނާއި 34 އަންހެނުން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

މަސްވެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމަށް ފިޝަރީޒް މިނިސްޓްރީން ކުރައްވާ ބައެއް މަސައްކަތްތަކަށް ބަލާލާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަހާ، މަހުގެ އުފެއްދުންތަކުގެ ބާޒާރުތަކުން ލިބޭ މަހުގެ އަގާބެހޭ މަޢުލޫމާތު ކޮންމެ ހަފްތާއަކު އާންމުކުރެއްވުން ހިމެނެއެވެ.

ފިޝަރީޒް ޕްރޮމޯޝަން ބޯޑު ޤާއިމްކުރައްވައި މިހާތަނަށް 21 ފެއަރއެއްގައި ބައިވެރިވެ، ރާއްޖެއިން އުފައްދާ މަހާ މަހުގެ އުފެއްދުންތައް ޕްރޮމޯޓްކުރެވެމުންދެއެވެ.

އަދި ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ކީކިމިނި އަދި ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ތަޖުރިބާކުރެއްވުމުގެ ގޮތުން 1981 ވަނައަހަރު ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުން ރާއްޖޭގެ މަސްވެރިކަމަށް ހެޔޮބަދަލު ގެނެސް، މިމަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. އަދި ޖުމްލަކޮށް ރާއްޖެއަށް ބާނާ މަހުގެ 90 އިންސައްތަ މިހާރު ޙިއްސާވަނީ އޮއިވާލި ކަނދުފަތި ކައިރިންބާނާ މަހުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓްގައި ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވެއެވެ. އޭގެތެރޭގައި ކާބޯތަކެތި ސިނާޢީ ގޮތެއްގައި އުފައްދާނެ މަގު ތަނަވަސްކުރުމާއި، މަސްވެރިންނަށް ފަސޭހައިން އެން ލިބޭނެ ގޮތް ހެދުމަށް އެން އާލާކުރުމާއި ފިޝްމީލް ޕްލާންޓެއް ޤާއިމުކުރުމާއި މެރިކަލްޗަރ މަޝްރޫޢުތައް ހިމެނެއެވެ. މީގެ ސަބަބުން، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމަށް އާރޯކަން ލިބި، އިޤްތިޞާދީ އައު ވަޒީފާތަކެއް އުފެދޭނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.