ޚަބަރު

މަސްވެރިންގެ ދުވަހަށް މުޅި ގެމަނަފުށި އޮތީ ތައްޔާރުވެފައި


ރާއްޖޭގައި މީގެކުރިން މަސްވެރިންގެ ދުވަސް ފާހަގަނުކުރައްވާހާ ކުލަގަދަކޮށް މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ގެމަނަފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދަވަނީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. ނަމަވެސް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިފަހަރު ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަކުރެއްވުމަށް ފިޝަރީޒް މިނިސްޓްރީއާއި ގެމަނަފުށީ ކައުންސިލާއި ރައްޔިތުން ގުޅިވަޑައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް، ރަށު ކައުންސިލާއި ރައްޔިތުންނާ ގުޅިގެން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

ގެމަނަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވެވުމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ރަށުތެރެ ސާފުކޮށް، ޒީނަތްތެރިކުރުމުގެ އިތުރުން ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި އަތޮޅުތެތެރެއިން ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ދެންނެވުމަށްވެސް ތަފާތު ޙަރަކާތްތައް ރޭވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން މި ދުވަހާ ގުޅުވައިގެން ތަފާތު އެކި ޙަރަކާތްތައް ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި މަސްވެރިންގެ ހަވީރާއި، މަސްވެރިންގެ ފޯރަމާއި، ކާބޯތަކެތީގެ މައުރަޒެއް ހިމެނެއެވެ. މީގެއިތުރުން ފަރުމަސް ބޭނުމުގެ މުބާރާތަކާއި މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން ސްކޫލް ކުދިންގެ ކްއިޒް މުބާރާތެއްވެސް ހިމެނެއެވެ. އަދި އާއިލީ ހަވީރާއި ހާއްޞަ ސްޓޭޖް ޝޯވްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ރަށު ކައުންސިލުން ވިދާޅުވެއެވެ.

ގެމަނަފުށީ ރައްޔިތުންގެ ތެރެއިން ޕީއެސްއެމްއާ ވާހަކަދެއްވި މީހުންބުނީ، ގެމަނަފުށި ކަހަލަ މަސްވެރި ރަށެއްގައި މި ދުވަސް ފާހަގަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.