ޓުއަރިޒަމް

ރ.ވާދޫގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


ރ.ވާދޫގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމަށް އެކަމާއި ގުޅޭ މަސައްކަތްތައް އެރަށު ކައުންސިލުން ފަށައިފިއެވެ.

އެގޮތުން އެރަށަށް އަންނަ ދިވެހިން ތިބޭނެ ރަގަޅު ފެންވަރުގެ ގެސްޓު ހައުސެއް ތަރައްޤީކުރުމަށް އެރަށު ކައުންސިލުންވަނީ ނިންމާފައެވެ.

80،000 އަކަފޫޓުގެ ބިމެއް އެކަމަށް ހާއްސަކޮށްފައިވާއިރު، ބިން ފާސް ކުރުމަށް ބޭނުންވާ ބަޖެޓު ނިންމާ ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ދިވެހިންނަށް ޙާއްސަ މި ގެސްޓުހައުސްގައި ސިންގަލް 4 ކޮޓަރި އަދި ޑަބަލް 4ރު ކޮޓަރި ހުންނާނެއެވެ. އަދި މީގެ އިތުރުން ޕޫލަކާއި، ބެޑް މިންޓަން ކޯޓަކާއި، ބާސްކެޓު ކުޅޭނެ ތަނެއްވެސް ހުންނާނެ ކަމަށް ވާދޫ ކައުންސިލްގެ ރައީސް ހުސެއިން ޢަލީ ވިދާޅުވިއެވެ.

ރ.ވާދޫ ބަނދަރު ސަރަހައްދާއި ކައިރީގައި ހެދުމަށް ހަމަޖެހިފައިވާ މި ގެސްޓުހައުސް ތަރައްޤީކުރުމަށް އިންވެސްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ބައެއް ފަރާތްތަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ހުސެއިން ޢަލީ ވިދާޅުވިއެވެ.