ޚަބަރު

"އަބުރު ރައްކާތެރި ކުރުމުގެ ޙައްޤު އެންމެނަށްވެސް ލިބެންޖެހޭ"


އެހެން މީހެއްގެ އިންސާނީ ޙައްޤެއް ރައްކާތެރިކުރުމަށްވުރެ ތިމާގެ ޢިއްޒަތާ އަބުރު ރައްކާތެރިކުރުން މާ މުހިއްމުކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. އަޒްލީމް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅުވައިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން މިއަދު ބޭއްވެވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ކަމަށެވެ. އަދި އިންސާނީޙައްޤުތަކާ ގުޅޭ ޤާނޫނުތަކާބެހޭ ޤަވާޢިދުތަކުގެ ތެރެއިން ބައެއް ކަހަލަ ގޮންޖެހުންތައް މީގެކުރިން ކުރިމަތިވަމުން ދިޔަ ކަމަށާއި އެހެންނަމަވެސް އެކަމަށް ސަރުކާރުން ޙައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޤާނޫނު އަސާސީގެ 27ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޤާނޫނު އަސާސީގެ 33ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ މާއްދާއަކީވެސް އިންސާނީ ޙައްޤާ ގުޅުހުން ހުރި ދެ މާއްދާ ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މީގެ އެތައް އަހަރުތަކެއް ކުރިން މި މާއްދާގެ މަތިން ދިވެހިން ހަނދާން ނެތިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތިމާގެ އަބުރު ރައްކާތެރި ނުކޮށް، އަނެކާގެ އަބުރު ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އަބުރު ރައްކާތެރި ކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލަކީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީންގެ ވާހަކަފުޅުގައި، މީޑިއާގެ ވަޞީލާތްތަކަކީ ރާއްޖޭގެ ރައްޔިތުން އެ ވަޞީލަތެއްގެ ބޭނުންކޮށްގެން ޙައްޤުތައް ކަށަވަރުކުރުމަށް އެހާ ފަސޭހައިން ފުރުޞަތު ލިބޭ ވަޞީލަތެއް ނޫން ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަނެކާގެ ވާހަކަތައް މީޑިއާތަކުގައި ލިޔެ ޝާއިޢުކުރާއިރު އެފަރާތްތަކުގެ ޢިއްޒަތާއި އަބުރު އުނިކުރެވިފައިވާ ކަމަށެވެ. އަދި މަޢުލޫމާތުގެ ޞައްޙަކަން ބެލުމެއް ނެތި ޚަބަރުތައް ޝާއިޢުނުކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10ވަނަ ދުވަހުއެވެ.