ޚަބަރު

"އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ މުހިންމު"


ރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި ދައުލަތުގެ މުއައްސަސާތައް ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބޮޑެތި ހެޔޮބަދަލުތަކެއް އައިސްފައިވާ ކަމަށް އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ރައީސާ ވަނީ މިއަހަރުގެ އިންސާނީ ޙައްގުތަކާބެހޭ ދުވަހުގެ ޝިޢާރުކަމަށްވާ "އަނެކާގެ ޙައްޤުގައި ތެދުވަމާ" މި ޝިއާރުގެ މަޤުޞަދު ޙާޞިލްކުރުމަށް، މުޖުތަމަޢުގެ ހުރިހާ އަފްރާދުން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

އިންސާނީ ޙައްޤުތަށް ޙިމާޔަތްކުރުމުގެ ގޮތުން އެކި ފަރާތްތަކުން ކުރައްވަމުން އަންނަ މަސައްކަތްތައް މިހާރަށްވުރެ ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދެވުމަށްވެސް އީނާސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށް އެޗްއާރްސީއެމުން ކުރައްވާ މަސައްކަތްތަކަށް ދައުލަތުގެ އެކި މުއައްސަސާތަކުން ދެއްވާ އެއްބާލުމާއެކު، ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، މިކަމަށް މުއްސަސާތަކާއި ޢާންމު ފަރުދުން މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށް އިނާސް ވިދާޅުވިއެވެ.

އީނާސް ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިއާރުން ހިތްވަރު ލިބިގަނެ، އާ ޖޯޝަކާއެކު އެއް ޢަޒުމެއްގައި މަސައްކަތް ކުރުމަށް ތެދުވަންޖެހޭ ކަމަށް. ރާއްޖޭގެ މުޖުތަމަޢުއަކީ އިންސާނީ ޙައްޤާއި ކަރާމާތް ޙިމާޔަތްކުރެވިފައިވާ އެފަދަ ކަންކަމަށް ފަރުވާތެރިވާ، ދުޅަހެޔޮ މުޖުތަމަޢުއަކަށް ހެދުމަށް މަސައްކަތް ކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެގޮތުގައެވެ. މިއަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރަކީ، "އަނެކާގެ ޙައްޤުގައި ތެދުވަމާ" މި ޝިއާރެވެ.

ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމި ފެންވަރުގައި މަސައްކަތް ކުރަމުން އަންނަ ޤައުމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަކީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ އަސާސްތައް ކަނޑައެޅިފައިވާ އަދި އެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ ޤާނޫނު އަސާސީއެކެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ބޭނުންވާ މުހިންމު ޤާނޫނުތައް ހެދި އެ ޤާނޫނުތައް ތަންފިޒުކުރުމުގެ ނިޒާމްތައް ވަނީ އެކަށައެޅިފައެވެ. ރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ބައިވެރިވެ އެ މުޢާހަދާތަކަށް ޢަމަލުކުރަމުން އަންނަ ޤައުމެއްވެސްމެއެވެ.

މި ޖަލްސާގައި އެޗްއާރްސީއެމްއަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ. އަދި އަނެކުންގެ ހައްޤުތަކަށް އިޙްތިރާމްކޮށް އަނެކުންގެ ހައްޤުގައު ތެދުވެ، މަސައްކަތް ކުރާ ބަޔަކަށް ދިވެހިން ހެދުމުގެ ގޮތުން އެޗްއާރްސީއެމް އިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ވެސް މިއަދު ލޯންޗުކޮށްފައިވެއެވެ.