ސިޔާސީ

އެއްވެސް ކެންޑިޑޭޓެއްގެ ފޯމް އަދި އީސީއަށް ހުށަނާޅަން- ޕީޕީއެމް


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވީނަމަވެސް، ޕީޕީއެމްގެ އެއްވެސް ކެނޑިޑޭޓެއްގެ ފޯމެއް މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާނެކަމަށް ޕީޕީއެމުން ބުނެފިއެވެ.

އއ.އުކުޅަހުން ޕީޕީއެމާއި އަލަށްގުޅުނު ބައެއްމީހުންގެ ފޯމް ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ، ނަމަވެސް މިހާތަނަށް އެއްވެސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައި ނުވާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލެއްވި މުއްދަތު މިމަހުގެ 1 ވަނަ ދުވަހަށް ހަމަވި އިރު ނުވަސަތޭކައަށް ވުރެ ގިނަ ކެނޑިޑޭޓުން ފޯމް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ، އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓަށް މައްސަލަ ހުށައެޅުއްވީވެސް، އިންތިޚާބަށް ކުރިމަތިލެވޭ ވަރަށް މަޢުލޫމާތު ޕާޓީގެ ތެރޭގައި ނެތުމުންކަމަށެވެ. ޕާޓީގެ ހިންގުމަށް އައި ބަދަލާ ގުޅިގެން މިހާތަނަށް ޕާޓީގެ އެއްވެސް ލިޔެކިއުމެއް، އަދި މެމްބަރުންގެ ދަފްތަރެއްވެސް ލިބިފައި ނުވާކަމަށާ، މިހާރު ލިބެން ހުރި މަޢުލޫމާތު އެއްކޮށްގެން ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވި ނަމަވެސް ދަށު ކޯޓުގެ ޙުކުމާއި އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ފުރުޞަތު ދޭންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށާއި، ފުރުޞަތު ނުދެއްވާނަމަ އިންތިޚާބު ފަސްކުރުމުގެ ބޭނުމެއް ނެތްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓުގައި އިންތިޚާބަށް ކުރިމަތިލުމަށްއެދި އެޕާޓީއަށް ހަތް ސަތޭކައެއްހާ ފޯމް ލިބިފައިވާކަމަށެވެ. ޚަލީލް ވިދާޅުވީ، ޕާޓީގެ ދަފްތަރު ފުރިހަމަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ، ވަރަށް އަވަހަށް ޕްރައިމަރީ ބާއްވަން ޖެހޭ ތަންތަނުގައި ޕްރައިމަރީ ބާއްވާނެ ތާރީޚް އިޢުލާންކުރައްވާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ދެމަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން މިހާރު ޙުކުމް ކުރައްވާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.