ޚަބަރު

އިންތިޚާބު މޮނިޓަރ ކުރުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައް މޮނިޓަރުކުރުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލް އިންތިޚާބުގެ މޮނީޓަރއަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހަވީރު 4:00 ކަމަށެވެ.

އިލެކްޝަނުން ވިދާޅުވީ ވޯޓު ގުނުމާއި ވޯޓު ނެގުމުގެ ކަންތައްތައް މޮނީޓަރކަންކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އަދި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން ކުރިމަތިލުމަށް ފޯމް ހުށަހަޅާނީ އޮންލައިންކޮށް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ މޮނީޓަރަކަށް ވުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފައިވާއިރު، ކައުންސިލް އިންތިޚާބް ދެ މަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޚުކުމް ކުރައްވާފައެވެ. އަދި ސިވިލް ކޯޓުން ކުރެއްވި މި ޚުކުމް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައިކޯޓުގައި އިސްތިޢުނާފްވެސް ކުރައްވާފައެވެ.