ޚަބަރު

އޫރިދޫއިން ރާއްޖޭގެ ދެކުނުން އުތުރަށް ކަނޑުއަޑިން ކޭބަލް އަޅަނީ


އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ދެކުނުން އުތުރަށް އެޅުމަށް ހަމަޖެހިފައިވާ ނޭޝަންވައިޑް އަންޑަރސީ ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައި، ކޭބަލް ސ. ހިތަދޫގައި ޤާއިމްކޮށްފައިވާ ލޭންޑިންގް ސްޓޭޝަނާ މިއަދު ގުޅާލައިފިއެވެ. 

25 މިލިއަން ޑޮލަރުގެ މި މަޝްރޫޢު، "ނޭޝަން ވައިޑް އަންޑަރސީ ކޭބަލް ޕްރޮޖެކްޓް" ފަށައިފާވަނީ އުރީދޫއަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދިނުމުގެ ލައިސެންސް ލިބުމާއެކު، ވީހާ އަވަހަކަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް އެއްފެންވަރެއްގައި ހައިސްޕީޑް އިންޓަރނެޓްގެ ޚިދުމަތް ދިނުމުގެ މަޤްޞަދުގައެވެ. ރާއްޖޭގެ ދެކުނުން އުތުރަށް މި އަންޑަރސީ ކޭބަލް އަޅާއިރު، ސ. ހިތަދޫ، ގދ. ތިނަދޫ، ހުޅުމާލެ، މ.ކޮޅުފުށި، ބ.އޭދަފުށި، އަދި ހދ. ކުޅުދުއްފުށީގައި ކޭބަލް ލޭންޑިންގް ސްޓޭޝަންތައް ވަނީ ޤާއިމްކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14812014770930.jpg|އޫރިދޫއިން މުޅި ރާއްޖޭގައި ކޭބަލް އެޅުމުގެ މަސައްކަތްކުރާ އުޅަނދު

ހުއާވޭގެ އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީގެ ބާރުގައި، ނޭޝަންވައިޑް އަންޑަރސީ ކޭބަލް މެދުވެރިކޮށް އުރީދޫގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަވެ، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަރނެޓް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ލިބިދެވޭނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ މި ޕްރޮޖެކްޓްގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މިއަދުގެ ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ މަންފާ ފޯރުކޮށްދިނުމެވެ. މީގެތެރޭގައި ޓެލެ-މެޑިސިން، ޓެލެ-ވަރކިންގް، އޮންލައިން އެޑިއުކޭޝަން އަދި އީ-ގަވަންމަންޓްގެ ޙިދުމަތްތައް ހިމެނެއެވެ.

އުރީދޫގެ ނޭޝަން ވައިޑް އަންޑަރސީ ކޭބަލް އެޅުމުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ ޖެނުއަރީމަހުއެވެ.