ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މިދިޔަ މަހުގެ 24 ވަނަދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި "ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުގައި ވާގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރު ނަގާނެއެވެ. އަދި ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގާނެއެވެ.
މި ޤާނޫނުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާ ވެއެވެ. އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންނެވެ.
މިޤާނޫނުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވީ ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދެވެ. ބިލު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 20 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ފަސޖިންޖަރުން އަތުން ފީ ނަގާނީ މިޤާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވުމުންނެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ. މިހާރު މިބިލް ވަނީ ޤާނޫނާކަށް ވެފައެވެ.