ޚަބަރު

ސެންޗޫރިއަންގެ ޙިއްސާ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ގަނެވޭނެ


ރާއްޖޭގެ ޙިއްސާގެ ބާޒާރުގައި ލިސްޓުކޮށް، ޙިއްސާ ވިއްކަން ފެށި އެންމެ ފުރަތަމަ ދިވެހި ކުންފުނި، ސެންޗޫރިއަންގެ ޙިއްސާ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ގަނެވޭނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މީގެ ކުރިން ސެންޗޫރިއަންގެ ޙިއްސާ ވިއްކުމަށް ނިންމާފައިވަނީ މިމަހުގެ 13 ގެ ނިޔަލަށެވެ. ނަމަވެސް އޮންލައިންކޮށް ޙިއްސާ ވިއްކުމުގައި ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ނޮވެމްބަރު މަހުގެތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ޙިއްސާ ވިއްކިފައިނުވާތީ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކުރީ ކަމަށް ސެންޗޫރިއަންއިން ބުނެއެވެ. އަދި އެކުންފުނީގެ މަޤްޞަދަކީ ރާއްޖޭގެ ވީހާވެސް ގިނަ ޞަރަޙައްދަކަށް ޙިއްސާ ވިއްކުން ކަމަށާއި އެގޮތުން އެކި އަތޮޅުތަކުގައިވެސް ޙިއްސާ ވިއްކުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސެންޗޫރިއަންއިން ހާމަކުރެއެވެ.

ކުރިން ޙިއްޞާ ވިއްކަން އޮތް މުއްދަތަށް މިއައި ބަދަލާއެކު ގިނަ އަތޮޅުތަކެއްގައި ޙިއްސާ ވިއްކުމުގެ މަގި ފަހިވެފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ސެންޗޫރިއަން ޕަބްލިކް ލިމިޓެޑަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ޙިއްސާ ވިއްކަނީ، 25 ރުފިޔާއަށް ޙިއްސާއެއްގެ މަގުން، 6.7 މިލިޔަން ޙިއްސާއެވެ. އެއީ، ކުންފުނީގެ 49 އިންސައްތަ ޙިއްސާއެވެ. ޙިއްސާ ގަންނަ ފަރާތްތަކުން މަދުވެގެން ހަތަރު ޙިއްސާ ގަންނަންޖެހެއެވެ. އެއީ، 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ.