ޚަބަރު

ކުނި މެނޭޖްކުރާނެ ނިޒާމެއް އަންނަ އަހަރު މާލޭގައި ޤާއިމުކުރެވޭނެ


ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެއްވުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރައްވާ ނިންމެވުންކަމަށް، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ކ، އ، އަދި ވ އަތޮޅަށް އަމާޒުކޮށްގެން ހިންގަވާ އިންޓަރގްރޭޓެޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓާއި ގުޅޭގޮތުން ފަންނީ ބޭފުޅުންނާއެކު މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުން ފައްޓަވާ ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެންނެވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލައްވައި، މި ސިޔާސަތު ތަންފީޒު ކުރެއްވުމަށް ތަފާތު މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ގެންދަވަނީ ހިންގަވަމުންނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުނިމެނޭޖް ކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށްޓަކާ، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން އެކި ޒޯންތަކަކަށް ބައްސަވާލެއްވުމަށްފަހު، ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ޤާއިމުކުރެއްވުމަކީ މި ސިޔާތުގައި ހިމެނޭ އެންމެ މުހިއްމު އެއްކަންތަކެވެ. މީގެ ތެރެއިންވެސް އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ މާލޭ ސަރަހައްދުގެ ކުނިމެނޭޖް ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ކ، އ، އަދި ވ އަތޮޅަށް އަމާޒުކޮށްގެން "އިންޓަރގްރޭޓެޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"އެއް އަންނަ އަހަރުގެ ތެރޭގައި ފެއްޓެވުމަށް ސަރުކާރުން މިހާރު ގެންދަވަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. 

img:http://s3.psmnews.mv/images/660x400/14732396488819.jpg|ފޮނަދޫ / ކުނީގެ މައްސަލަ ހައްލުކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ޑިވެލޮޕްމަންޓް ޕާޓްނަރުންނާއެކު މަޝްވަރާކުރެއްވުމަށް ސްޓެލްކޯގައި ބޭއްވެވި ބައްދަލުވުން ފައްޓަވައިދެއްވެވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މާލޭ ސަރަޙައްދަކީ ރާއްޖޭގެ އެންމެ އާބާދީބޮޑު ސަރަޙައްދުކަމަށްވެފައި، މި ސަރަޙައްދަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ގެންނެވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯ މެދުވެރިކުރައްވާ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވަވާފައެވެ. 

މިނިސްޓަރ ޠާރިޤް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެއްވުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރައްވާ، އެ ޙިދުމަތް އާއްމުންނަށް ފޯރުކޮށްދެއްވުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި ނިޒާމް ޤާއިމުކުރެއްވުމަށް ހައްދަވަންޖެހޭ ދިރާސާތައް ހެއްދެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މުޅި މި މަޝްރޫޢަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ޙަރަދުވާނެކަމަށް ބެލެވޭކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ދަޢުލަތުގެ ބަޖެޓުންނާއި، ބޭރުގެ ލޯންއެހީގައި މި މަޝްރޫޢުގެ މަސައްކަތް ވިހާވެސް އަވަހަކަށް ފެއްޓެވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މާލޭ ސަރަޙައްދަށް އަމާޒުކޮށްގެން ހިންގެވުމަށް ހަމަޖެހިފައިވާ އިންޓަރގްރޭޓެޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މާލީ އެހީތެރިކަން ހޯއްދެވުމާއި ގުޅޭގޮތުން ޑިވެލޮޕްމަންޓް ޕާޓްނަރުންނާއެކު ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީ، ވޯލްޑް ބޭންކް އަދި  އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައިބީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓްގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.