ސިއްހަތު

ޅ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތް ސަރުކާރާ ހަވާލުކުރައްވައިފި


ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލަށް އިތުރުކުރެއްވި އައު ޢިމާރާތުގެ މަސައްކަތް ނިންމައި ސަރުކާރާ ޙަވާލުކޮށްފިއެވެ.

ނައިފަރު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް 5 ބުރީގެ ޢިމާރާތެއް އެޅުމަށް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ އެލިޔާ ކޮންސްޓްރަކްޝަނާއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރެވުނު މި ޕްރޮޖެކްޓް ނިންމައި މިއަދު ސަރުކާރާ ޙަވާލުކުރައްވާފައިވާއިރު، މިއީ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ޙައްލުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އައު އިމާރާތުގައި 9 ކޮންސަލްޓޭޝަން ރޫމާއި 4 ވޯޑާއި 8 ޕްރައިވެޓް ރޫމްގެ އިތުރުން ލެބޯޓްރީ އަކާއި އޮޕަރޭޝަން ތިއޭޓަރަކާއި، ފާމަސީއެއް ޤާއިމްކުރައްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14810110992398.jpg|ނައިފަރު ހޮސްޕިޓަލަށް އިތުރުކުރެވުނު ފަސް ބުރީގެ އައު ޢިމާރާތް / ފޮޓޯ: ޕީއެސްއެމް

މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުން 44.7 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވާ މަޝްރޫޢެކެވެ. މިއީ ސިއްޙީ ދާއިރާ ކުރިއެރުވައި ތަރައްޤީކުރެއްވުމަށް މިއަދުގެ ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ އިތުރުންވެސް ޅ. އަތޮޅު ހޮސްޕިޓަލް ތަރައްޤީކޮށް ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދެ މިލިއަން ވުރެ ގިނަ ރުފިޔާގެ އެކި އެކި އިކްއުޕްމެންޓްސްތައް މިމަޝްރޫޢުގެ އިތުރުން ކުރިން ވެސް ސަރުކާރުންވަނީ އެހޮސްޕިޓަލަށް ފޯރުކޮށްދީފައެވެ.