ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެއްވުން އިލެކްޝަންސް ކޮމިޝަނުން ފަސްކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެއްރުވި އިޢުލާނެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެއްވުން ކުރިން ކަނޑައެޅިފައިއޮތީ މިއަދު ކަމަށެވެ. ނަމަވެސް މިހާރު އެކަން ފަސް ކުރެވިފައިވާ ކަމަށާއި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރައްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރ އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެއްވުން އެ ކޮމިޝަނުން ފަސްކުރެއްވީ، ޤައުމީ ލަފާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެއްވުން އިލެކްޝަނުން ފަސްކުރައްވާފައިވާއިރު އެ އިންތިޚާބް ދެ މަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޙުކުމް ކުރައްވާފައެވެ. އަދި ސިވިލް ކޯޓުން ކުރެއްވި މި ޙުކުމް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައިކޯޓުގައި އިސްތިއުނާފްވެސް ކުރައްވާފައެވެ.