ވިޔަފާރި

އެމްޓީސީސީގެ ސްޓާފުންނަށް ހިލޭ ކޯލް އާއި އެސްއެމްއެސް !


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރުމުގެ ޚިދުމަތް އުރީދޫއާއި އެމްޓީސީސީން ހަމަޖައްސައިދީފިއެވެ.  

އެމްޓީސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އުރީދޫ ވޯކް ގްރޫޕް ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތާއި އުރީދޫގެ ހެޑް އޮފް ސޭލްސް ޙުސައިން ނިޔާޒްއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމަ ސިންހާ ވިދާޅުވީ އުރީދޫ ވަރކްގްރޫޕުން ފައިދާ ލިބެމުންދާ މުއައްސަސާތަކާއި ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ ހިމެނިގެންދިއުމަކީ، ލިބިގެންދާ އުފަލެއްކަމުގައެވެ. އަދި އަބަދުވެސް އުރީދޫން މަސައްކަތްކުރަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްކަމުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ އުރީދޫއާއެކު މިވެވުނު އެއްބަސްވުމުގެ ސަބަބުން އެމްޓީސީސީގެ މުވައްޒަފުންގެ މެދުގައި ޒަމާނީ މުޢާމަލާތުކުރުމުގެ ވަރުގަދަ ވިއުގައެއް ޤާއިމްވެގެން ހިނގައްޖެކަމަށެވެ. އުރީދޫ ވޯކް ގްރޫޕްގެ ޚިދުމަތް ބޭނުންކުރާ ކުންފުނިތަކަށް ކަނޑައެޅިފައިވާ ޚާއްޞަ ޕޯޓަލް މެދުވެރިކޮށް، ކުންފުނިން ދައްކަންޖެހޭ ބިލް ޗެކްކުރުމާއި، އާ ކަނެކްޝަންތަކަށް އެދުމާއި، ވާރކްގްރޫޕުގައި ހިމެނޭ ފަރާތްތަށް ބަލައި، އެ ލިސްޓަށް މުވައްޒަފުން އިތުރުކޮށް، މަދުކުރެވޭނެ ފުރުޞަތު އެމްޓީސީސީއަށް މިހާރު ވަނީ ފަހިވެފައެވެ. އަދި ވަކިވަކި ގްރޫޕްތައް އުފައްދައި، މިގްރޫޕްތަކަށް އެސްއެމްއެސް ކުރުމުގެ ފަސޭހަކަންވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް އުރީދޫން ބުނެއެވެ.