ޚަބަރު

މަސްވެރިންގެ ދުވަހުގެ ޖަލްސާއަށް ގެމަނަފުށި ތައްޔާރުވަނީ


މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުތައް ބޭއްވެވުމަށް ސަރުކާރުންގެ ފަރާތުން ހަމަޖައްސަވާފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީގައެވެ. ސަރުކާރުން މިގޮތަށް ހަމަޖެއްސެވުމާއެކު ވީހާވެސް ކުލަގަދަކޮށް މި ދުވަސް ފާހަގަކުރެއްވުމަށް އެރަށު ކައުންސިލާއި ރައްޔިތުން ގުޅިވަޑައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ރަށުތެރެ ޒީނަތްތެރިކުރެއްވުމާއި ރަސްމީ ޖަލްސާއަށް ވަޑައިގަންނަވާ އިއްޒަތްތެރިންނާއި މިޖަލްސާއަށް އަތޮޅުތެތެރެއިން އެރަށަށް ޒިޔާރަތްކުރައްވާ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް ތަފާތު ޙަރަކާތްތައް ގެންދަވަނީ ރާއްވަވަމުންނެވެ. 

ގެމަނަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުޙްއްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަކަކުރެއްވުމަށް މުޅި ރަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ވަކި ޕާޓީއަކަށް ބެލުމެއް ނެތި އެންމެން އެއްރޫޙެއްގައި މިދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަ ކުރުމަށް މަސައްކަތް ކުރަމުންދާކަން ޝިޔާމް ފާހަގަކުރިއެވެ. 

މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާއެވެ. ޖަލްސާގެ އިތުރަށް މި ދުވަހާ ގުޅުވައިގެން ތަފާތު އެކި ޙަރަކާތްތައް އެރަށުގައި ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ފަރުމަސް ބޭނުމުގެ މުބާރާތަކާއި މަސްކެނޑުމުގެ މުބާރާތަކާއި ސްޓޭޖް ޝޯވއެއް ހިމެނެއެވެ. އަދި ސްކޫލް ކުދިންގެ ކްއިޒް މުބާރާތެއްވެސް ބޭއްވެވުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން މަސްވެރިންގެ މަހާސިންތާއަކާއި މަސްވެރިންގެ ހަވީރެއްވެސް ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ގެމަނަފުށީ ރައްޔިތުންގެ ތެރެއިން ޕީއެސްއެމްއާ ވާހަކަދެއްވި މީހުން ބުނީ، މަސްވެރިންގެ ދުވަސް އެރަށުގައި ފާހަގަކުރަން ސަރުކާރުން ނިންމެވި ހިސާބުން އެރަށުން ތަރައްޤީގެ އައު ކަންތައްތައް ފެންނަން ފަށާފައިވާކަމަށެވެ. އަދި ގެމަނަފުށި ކަހަލަ މަސްވެރި ރަށެއްގައި މި ދުވަސް ފާހަގަކުރުމަކީ އެމީހުން ދެކެމުން އައި ހުވަފެނެއްކަމަށާއި މިކަމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެމީހުން ބުންޏެވެ.

މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަކުރައްވަމުން ގެންދަވަނީ ޑިސެމްބަރު މަހުގެ ދިހަވަނަ ދުވަހުއެވެ. އެހެންނަމަވެސް މަސްވެރިންގެ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވަނީ މިމަހުގެ ތޭރެވަނަ ދުވަހުގެރެއެވެ.