ވިޔަފާރި

ޙިއްޞާ ގަތުމަށް ގިނަ ބަޔަކު ދަނީ އެދެމުން- ސެންޗޫރިއަން


ރާއްޖޭގެ ޙިއްޞާގެ ބާޒާރުގައި ލިސްޓުކޮށް، ޢާންމުކޮށް ޙިއްޞާ ވިއްކަން ފެށި ރާއްޖޭގެ ފުރަތަމަ އަމިއްލަ ކުންފުނި ކަމުގައިވާ ސެންޗޫރިއަންގެ ޙިއްޞާ ގަތުމަށް ގިނަ ބަޔަކު އެދެމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސެންޗޫރިއަން ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ޝިޕިންގް އަދި ލޮޖިސްޓިކްސްގެ ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ޙިއްސާ ވިއްކަނީ، ޙިއްސާއެއް 25 ރުފިޔާގެ މަގުން، 6.7 މިލިޔަން ހިއްސާއެވެ. އެއީ، ކުންފުނީގެ 49 އިންސައްތަ ޙިއްސާއެވެ.

ހިއްސާ ގަންނަ ފަރާތްތަކުން މަދުވެގެން ހަތަރު ޙިއްސާ ގަންނަން ޖެހެއެވެ. އެއީ، 100 ރުފިޔާގެ އިންވެސްޓްމެންޓެކެވެ. މި ކުންފުނީގެ ޙިއްސާ ވިއްކުމަށް ކުރާ އިޝްތިހާރުތަކުގައި ހަޤީގަތް އޮޅޭފަދަ މަޢުލޫމާތުތައް ހިމަނާފައިވާކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ވިދާޅުވެފައިވާކަމަށް ދެކެވޭ ވާހަކަތައް ސީއެމްޑީއޭއިންވަނީ ދޮގުކޮށްފައެވެ. ސީއެމްޑީއޭއިން ވިދާޅުވީ، ޙިއްސާ ބައްލަވައިގަތުމުގައި ޕްރޮސްޕެކްޓަސް ދިރާސާކުރެއްވުމާއި ކުންފުނިތަކުގެ މަޢުލޫމާތު ހޯއްދެވުމަކީ މުހިއްމުކަމެއްކަމުގައެވެ.