ޓުއަރިޒަމް

އައު މަންޒިލްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަނީ


ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. މިދުވަސްވަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހައި ސީޒަނެވެ. މިދުވަސްވަރު ދުނިޔޭގެ އެކި މަންޒިލްތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނަކަމަށް މި ސިނާޢާތުގައި ޚިއްޞާވާ ފަރާތްތަކުން ހާމަކުރެއެވެ. މީގެތެރޭގައި އައު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، އައު މާކެޓްތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މިއަހަރުގެ ހައި ސީޒަނާއި ކުރިމަތިލިއިރު، ދުނިޔޭގެ އެކި މަންޒިލްތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. މީގެ މައިގަނޑު ސަބަބަކީ ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އެއަރލައިންތަކުގެ ދަތުރުތައް ފެށުމާއި، އެއަރލައިންތަކުން ޚާއްސަ ފެއާރތައް ތައާރަފްކުރުމެވެ.

މިފަހަރުގެ ހައި ސީޒަނާއި ކުރިމަތިލިއިރު، އައު މާކެޓްތަކުގެ ތެރެއިން އެންމެބޮޑަށް ފާހަގަކޮށްލެވެނީ އޮސްޓްރޭލިއާއެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑުއެއް ޓްރެވަލް ކުންފުނި، އިނަ މޯލްޑިވްސްއިން މައުލޫމާތުދެވާގޮތުގައި މިފަހަރުގެ ހައިސީޒަނުގައި އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެދެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަބަބަކަށްވަނީ، ސީދާ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަންނަ ދަތުރުކުރާ ފަރާތްތަކަށް ޓައިގަރ އެއަރއިން ކުރިއަށްގެންދާ ހާއްސަ ފެއާއެވެ. 

img:http://s2.psmnews.mv/images/660x400/14615053179273.jpg|ރާއްޖޭގައި ހިންގާ ހުވަފެންފުށި ރިސޯޓް - ފައިލް ފޮޓޯ: މައިނަރ ހޮޓެލް ގްރޫޕް

ޓައިގަރ އެއަރއިން ވަނީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކުރާ ދަތުރުގެ ޓިކެޓްގެ އަގަކަށް ދުއިސައްތަ ސާޅީސް ނުވަ ޑޮލަރުގެ ޚާއްސަ ފެއާރއެއް ތައާރަފްކޮށްފައެވެ. އޮސްޓްރޭލިއާ ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެބޮޑަށް ކުރިއަރަމުން އަންނަ އައު މާކެޓްގެ ގޮތުގައެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދިހަމަސްދުވަހުގެ ތެރޭ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ނަވާރަހާސް ނުވަސަތޭކަ ބާރަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ވިހި އިންސައްތައިގެ ކުރިއެރުމެކެވެ.

އޮސްޓްރޭލިއާގެ ފަތުރުވެރިންގެ މެދުގައި، ދިވެހިރާއްޖޭގެ ރާޅާއަޅާ ޕޮއިންޓްތަކަށް ވަރަށްބޮޑު މަޤްބޫލްކަމެއް ވަނީ ލިބިފައެވެ. އޮސްޓްރޭލިއާގެ ގިނަ ފަތުރުވެރިން ރާއްޖެއައުމުގެ މައިގަނޑު ސަބަބަކީވެސް އެއީކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. މިގޮތުން ރާއްޖޭގައި ހުރި ރާޅާއަޅާ ޕޮއިންޓްތަކާއި، ޑައިވް ޕޮއިންޓްތައް އިތުރަށް އިޝްތިހާރު ކުރެވިއްޖެނަމަ، އޮސްޓްރޭލިއާފަދަ މާކެޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް އިތުރުވެގެންދާނޭކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.