ޚަބަރު

ސިޔާސީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް އދ އިން ގޮވާލައްވައިފި


ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް އދ. ސެކެޓްރީ ޖެނެރަލް ބަންކީ މޫން ގޮވާލައްވައިފިއެވެ.

ބަންކީ މޫންގެ ތަރުޖަމާނު ނެރެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ސިޔާސީ ޚިޔާލު ތަފާތުވުންތައް އުފެދި، ދެބަސްވުންތައް އުފެދިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިޔާސީ ޕާރޓީތަކުގެ މަޝްވަރާއަށް ހުރަސްއެޅިފައިވާ ކަމަށް ވިދާޅުވިއެވެ. ބަންކީ މޫންގެ ބަޔާނުގައި ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ނައްތާލުމަށްފަހު މިނިވަން މުއައްސަސާތަކަށާއި ޤައުމުގެ ބޭނުންތަކަށް އިސްކަންދީ، ޑިމޮކްރަސީގެ އުޞޫލުތައް ދަމަހައްޓައިގެން، ހުރިހާ އެންމެން ޝާމިލުވާ މަޝްވަރާތަކެއް ބޭއްވެވުން މުހިއްމުކަމަށް ވިދާޅުވެފައިވެއެވެ.

މި ބަޔާނުގައި ބަންކީ މޫން ވިދާޅުވީ އިޚުލާސްތެރިކަމާއެކު ކުރެވޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި އދ. ގެ އެހީގެ އަބަދުވެސް ލިބޭނެކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ހުރި މައްސަލަތައް ހަމަޔަކަށް އެޅުވުމުގެ ގޮތުން މެދުވެރިއެއްގެ ރޯލް ކުޅެން އދ. ން ވަނީ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ތަމްރަތު ސެމިއުލް ހަމަޖައްސާފައެވެ. އޭނާ ވަނީ ޖުލައިމަހު ރާއްޖެ ވަޑައިގެން ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކާއެކު ބައްދަލުވުންތަކެއް ވެސް ބާއްވަވާފައެވެެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލުފަތާތުވުންތައް ކުޑަކޮށް، ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި ސަރުކާރާއެކު މަޝްވަރާކުރުމަށް ދިވެހި ސަރުކާރުން ސިޔާސީ ޕާޓީތަކަށް ތަކުރާރުކޮށް ގެންދަވަނީ ގޮވާލައްވަމުންނެވެ. އަދި މި މަޝްވަރާތައް ކުރިޔަށް ގެންދެވުމަށް މަގުފަހިކުރެއްވުމަށްޓަކައި ބައިނަލްއަޤުވާމީ ފަރާތްތަކުގެ ގޮވާލުންތަކަށް އިޖާބަ ދެއްވުމުގެ ގޮތުން ދޫދެއްވުމުގެ ތަފާތު ހުށަހެޅުއްވުންތައް ސަރުކާރުން ހުށަހަޅުއްވައި ސިޔާސީ ފަރާތްތަކުގެ އެދުންތަކާ ބައެއް ކަންކަމަށްވެސް ބަދަލުތައް ވަނީ ގެންނަވާފައެވެ.