ޚަބަރު

އެންޑީއެމްސީގެ އެހީތެރިކަމުގައި މިވަގުތު ތިބީ 5 މީހުން


މއ. ކަފިދޫގޭގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ޙާދިސާގެ ސަބަބުން އެހީތެރިކަމަށް ބޭނުންވި މީހުންގެ ތެރެއިން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ އެހީތެރިކަމުގެ ދަށުގައި މިހާރު ތިބީ 5 މީހުން ކަމަށް އެ ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ މއ. ކަފިދޫގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ އެހީތެރިކަމުގެ ދަށަށް ޖުމްލަ 24 މީހަކު ގެންދެވުކަމަށެވެ. މި މީހުންގެ ތެރެއިން މިހާރު އެ ސެންޓަރގެ އެހީތެރިކަމުގެ ދަށުގައި ތިބީ 5 މީހުން ކަމަށާއި އެއީ ދެ އަންހެނުންނާއި ތިން ފިރިހެނުން ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކުރައްވައެވެ. 

އެ ސެންޓަރުން ވިދާޅުވީ، އެހެން އެންމެން އެ މީހުންގެ ގެތަކަށް މިހާރު ބަދަލުވެފައިވާކަމަށެވެ. މައްޗަންގޮޅި ކަފިދޫގޭގައި އަލިފާނުގެ ޙާދިސާ ހިނގާފައި ވަނީ މިމަހުގެ އަށާވީސްވަނަ ދުވަހުއެވެ. މިޙާދިސާގައި އަލިފާންގަނޑު ރޯވި ބްރަދަހުޑް ޕްރައިވެޓް ލިމިޓެޑްގެ ގުދަން ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ރޯވި ގުދަނުގައި އިލެކްޓްރޯނިކް ސާމާނާއި އަދި ކޮސްމެޓިކްސް ސާމާނު ހުންނާނެ ކަމަށް ބްރަހުޑް ކުންފުނިން ވަނީ ބުނެފައެވެ. 

img:http://s2.psmnews.mv/images/660x400/14803216587764.jpg|އަލިފާންރޯވި ގުދަން

މި އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންނާއި އެމްއެންޑީއެފުން ގެންދަވަނީ ތަހުޤީޤް ކުރައްވަމުންނެވެ. މި ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަނިކޮށް އެމްއެންޑީއެފްގެ ދެ މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން އެކަކަށް އިތުރު ފަރުވާ ދެއްވުމަށް މިހާރު ވަނީ ސްރީލަންކާއަށް ފޮނުއްވާފައެވެ. އަނެކަކު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.  

އަލިފާނުގެ ޙާދިސާތަކާއި މި ނޫންވެސް އެކިކަހަލަ ޙާދިސާތަކާއި ކާރިސާތަކުގެ ސަބަބުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ދެއްވަނީ އެކަމަށް ސަރުކާރުން ގެންގުޅުއްވާ ސިޔށާސަތުގެ ދަށުން އެކަށައަޅުއްވާފައިވާ ނިޒާމެއްގެ ދަށުންނެވެ. މި ނިޒާމްގެ ދަށުން މިފަދަ މީހުންނަށް ފުރަތަމަ މަރުޙަލާގައި ބޭނުންވާ ޒަރޫރީ ކަންކަން ސަރުކާރުގެ ޚަރަދުގައި ހަމަޖައްސަވައިދެއްވައެވެ. އަދި ޢާންމު ދިރިއުޅުމުގެ ޙާލަތަކަށް ދެވެންދެން އެމީހުން ބަލަހައްޓަވަމުން ގެންދަވައެވެ. އަދި އެމީހުން ދިރުއުޅުނު ތަންތަނަށް އަލުން ބަދަލުވުމަށާއި ލިބުނު މާލީ އަދި މާއްދީ ގެއްލުންތައް ފޫބެއްދުމަށްޓަކައި ސަރުކާރުން ކަނޑައަޅުއްވާ އުޞޫލެއްގެ ދަށުން އެކިކަހަލަ އެހީތެރިކަން ދެއްވަމުން ގެންދަވައެވެ.