ދުނިޔެ

އިޓަލީ - މުހިއްމު ވޯޓަކާ ދިމާލަށް


އިޓަލީވިލާތުގެ ޤާނޫނުއަސާސީއަށް ބޮޑެތި އިޞްލާހުތަކެއް ގެނައުމަށްޓަކައި ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން އިޓަލީގައި ފެށިގެން ކުރިއަށް އެބަދެއެވެ. 

ޤާނޫނުއަސާސީއަށް އިޞްލާޙުތަކެއް ގެނައުމުގެ އިތުރުން، މިވޯޓަކީ އިޓަލީގެ ބޮޑުވަޒީރު މަތެއޯ ރެންޒީ މަޤާމުގައި އިތުރަށް ދެމިހުރުމާއި ނުުހުރުން ނިންމާނެ ވޯޓެކެވެ. ޤާނޫނުއަސާސީއަށް އިޞްލާހު ގެންނަން ނުފެންނަ ކަމަށް ރައްޔިތުން ނިންމައިފިނަމަ، ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވާނެކަމަށް ރެންޒީ ވަނީ ވިދާޅުވެފައެވެ. 

އަނެއްކޮޅުން އިޓަލީގެ ހުރިހާ އިދިކޮޅު ފަރާތްތަކުން ދަނީ ޤާނޫނުއަސާސީއަށް އިޞްލާހު ގެނައުމާ ދެކޮޅަށް ކެމްޕެއިން ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ރައްޔިތުންގެ ބާރުތައް ކުޑަކޮށް، ސަރުކާރަށް ބާރުތައް ޖަމާކުރުމަށް ހިންގާ އަމަލެއްކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14808536013750.jpg|އިޓަލީގެ ބޮޑުވަޒީރު މަތެއޯ ރެންޒީ

އިޓަލީގެ ޤާނޫނުއަސާސީއަށް ގެނައުމަށް ބޮޑުވަޒީރު ހުށަހަޅުއްވާފައިވާ އިޞްލާޙުތަކަކީ އިޓަލީގެ ސެނެޓުގެ މެމްބަރުންގެ އަދަދު މަދުކޮށް ސަރަޙައްދީ ސަރުކާރުތަކުގެ ބާރުތައް ކުޑަކުރެއްވުމަށް ހުށަހަޅުއްވާފައިވާ އިޞްލާޙުތަކެކެވެ. ބޮޮޑުވަޒީރު ރެންޒީ ޤަބޫލުކުރައްވާ ގޮތުގައި މިއިޞްލާޙުތަކުގެ ސަބަބުން ސިޔާސީ ގޮތުން ޤައުމަށް ހަމަޖެހުން ލިބިގެންދާނެއެވެ. 

ނަމަވެސް މީގެ ދެމަހެއްހާ ދުވަސްކުރިން ފެށިގެން ނަގަމުން އަންނަ ޚިޔާލު ހޯދުންތަކުގެ ވޯޓުންވެސް ދައްކަނީ މިއިޞްލާޙުތަކަށް ރައްޔިތުން ނޫނެކޭ ބުނާކަމަށެވެ. އަދި މިއިންތިޚާބުން ރެންޒީއަށް ނާކާމިޔާބާ ކުރިމަތިލައްވަންޖެހި، މަޤާމުން އިސްތިއުފާދެއްވަންޖެހޭނެކަމަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.