ޚަބަރު

މަސްވެރިކަމާއި ދަނޑުވެރިކަމަށް 25.4 މިލިއަން ރުފިޔާގެ ލޯނު


މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ފާއިތުވެދިޔަ ތިންއަހަރުގެ ތެރޭގައި 25.4 މިލިއަން ރުފިޔާގެ ލޯން ދޫކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒު އޮތީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތް އިޤްތިޞާދުގެ މައި ދެ ތަނބަށް ހެއްދެވުމަށް ކަމުގައެވެ.

ދަނޑުވެރިކާމާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އުއްމީދު ގެއްލިފައިވަނިކޮށް މި ސަރުކާރުން މަސްވެރިކަމާއި ދަނޑުވެރިންނަށް އުއްމީދުތަކެއްވަނީ އާކޮށްދެއްވާފައެވެ. އެގޮތުން ޒުވާން ދަނޑުވެރިންނާ މަސްވެރިން އުފެއްދުމައްޓަކައި ސަރުކާރުންވަނީ މި ފާއިތުވި ތިން އަހަރުގެ ތެރޭގައި ލޯން ޕްރޮގްރާމްތަކުގެ ތެރެއިން ގިނަ ބަޔަކަށް ފައިސާ ދޫކުރައްވާފައެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 13.4 މިލިއަން ރުފިޔާގެ ލޯން ހަމައެކަނި މަސްވެރިކަމުގެ ދާއިރާއަށް ދޫކުރައްވާފައިވެއެވެ. މީގެ ތެރޭގައި ޒުވާނުން އޮޑިވެރިންނަށްވުމަށް ބޭނުންވާ ލުއިލޯނުގެ ފުރުޞަތު ހުޅުވާލައި، 2015 ވަނަ އަހަރުގެ ނިޔަލަށް 14 ފަރާތަކަށް 8.5 މިލިއަން ރުފިޔާގެ ލޯނުފައިސާ ދޫކުރައްވާފައިވެއެވެ. މިފިޔަވަހީގެ ދަށުން ލޯނު ދޫކުރުމަށް ނިންމާފައިވަނީ 14 ފަރާތަކަށެވެ.  ލޯނު ލިބުނު ފަރާތްތަކުގެ ތެރޭގައި 11 ފިރިހެން ބޭފުޅުންނާއި 3 އަންހެން ބޭފުޅުން ހިމެނެއެވެ.

މަހުގެ ބާވަތްތައް ތައްޔާރުކޮށް އައު އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން %60 ޒުވާނުންނަށް އަމާޒުކޮށް 5.8 މިލިޔަން ރުފިޔާގެ ލޯނަށް ފުރުޞަތު ހުޅުވާލައި، މިހާތަނަށް 87 ފަރާތަކަށް ޖުމްލަ 4.2 މިލިއަން ރުފިޔާގެ ލޯނުފައިސާ އެމިނިސްޓްރީން ދޫކުރައްވާފައިވެއެވެ. ލޯނު ލިބުނު ފަރާތްތަކުގެ ތެރޭގައި 53 ފިރިހެން ބޭފުޅުންނާއި 34 އަންހެން ބޭފުޅުން ހިމެނެއެވެ.

މަސްވެރިކަމުގެ އިތުރުން  12 މިލިއަން ރުފިޔާގެ ލޯން ހަމައެކަނި ދަނޑުވެރިކަމަށް ހުޅުވާލެއްވުނުކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. ދަނޑުވެރިކަމަށްބަލާއިރު ދަނޑުވެރިކަމުން ނަފާ ހޯދައިދިނުމަށާއި ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާޢަތަކަށް ހެދުމަށްޓަކައި ހިންގުނު ޚާއްޞަ ލޯނު ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު 2014ވަނަ އަހަރު މާރޗު މަހުގެ 9 ވަނަ ދުވަހު ހުޅުވާލެއްވި. 2015 ވަނަ އަހަރުގެ ނިޔަލަށް 86 ފަރާތަކަށް ޖުމްލަ 5.8 މިލިއަން ރުފިޔާގެ ލޯނު ފައިސާ ދޫކުރައްވާފައިވޭ.

ލޯނު ލިބުނު ފަރާތްތަކުގެ ތެރޭގައި 49 ފިރިހެން ބޭފުޅުންނާއި 37 އަންހެން ބޭފުޅުން ހިމެނެއެވެ. މިއީ 6 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 5 އަހަރު ތެރޭ އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ ލޯނުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ދޫކުރައްވާފައިވާ މި ލޯންތަކުގެ އިތުރުން ބޭރުގެ އެކި ޖަމްޢިއްޔާތަކުގެ އެހީގައިވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުންވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދަވާ ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަސައްކަތްތައްވަނީ ހަލުވިކޮށްދެއްވާފައެވެ. އަދި މަސްވެރިންނަށާއި ދަނޑުވެރިންނަށް ޚާއްސަ އިންޝުއަރެންސް ސްކީމްތަކެއްވެސް ތަޢާރަފްކުރައްވާފައިވެއެވެ. އަދި މެރިކަލްޗަރ ދާއިރާ އިތުރަށް ތަރައްޤީކުރެއްވުމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ހޭދައެއްކޮށްގެން 70 ފަރާތަކަށް ހުއިފިލަނޑާ އާލާކުރުމަށް 30 ކޮށި އަޅާދީ ނިމިފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއްވައެވެ.