ޚަބަރު

ކްރިމިނަލް ކޯޓާއި ސިވިލްކޯޓް ރިސެސްއަށް


ގިނަ މައްސަލަތަކެއް ނިންމުމަށްފަހު ކްރިމިނަލް ކޯޓާއި ސިވިލްކޯޓް އަހަރުގެ އެންމެ ފަހު ރިސެސްއަށް ގޮސްފިއެވެ.

އެގޮތުން ކްރިމިނަލް ކޯޓު ރިސެސްއަށް ގޮސްފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށެވެ. މި މުއްދަތުގެ ތެރޭގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތައް ބެލުން މަދުކޮށްލި ނަމަވެސް ކޯޓުން ކުރަމުން ގެންދާ އެހެނިހެން މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ކުރަމުންގެންދާނެކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވެއެވެ. އޭގެތެރޭގައި މުއްދަތުގެ މަސައްކަތްތަކާއި، އިދާރީ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަށް ހިމެނެއެވެ.

ސިވިލް ކޯޓު ރިސެސްއަށް ގޮސްފައި ވަނީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށެވެ. ސިވިލް ކޯޓުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި، ޢާންމުކޮށް މައްސަލަތައް ހިންގުން ފިޔަވާ، މައްސަލަތައް ބަލައިގަތުމާއި، އިދާރީ ޚިދުމަތްތަކާއި ބެހޭ މަސައްކަތްތައް ހިނގަމުންދާނެކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ. ކޮންމެ އަހަރަކުވެސް ކޯޓުތަކުން ރިސެސްގެ ގޮތުގައި 30 ދުވަހުގެ މުއްދަތު ލިބޭއިރު، އަހަރަކު ދެފަހަރު ކޯޓުތަކުން ރިސެސްއަށްދެއެވެ. އެގޮތުން ކްރިމިނަލް ކޯޓު އަހަރުގެ މެދުތެރޭގައި 15 ދުވަހަށް  ރިސެސްއަށްދާއިރު، ސިވިލް ކޯޓުން އަހަރުގެ މެދުތެރޭގައި ރިސެސްއަށް ދަނީ 10 ދުވަހަށެވެ. ހައިކޯޓުވެސް ވަނީ މިމަހުގެ ނިޔަލަށް ރިސެސްއަށް ގޮސްފައެވެ.