ޚަބަރު

އުމްރާއަށް ނުފުރުނު ފަރާތްތަކަށް ޗާޓަރު ފްލައިޓެއް ހަމަޖައްސައިފި


އަމިއްލަ ބައެއް ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ތައްޔާރުވެފައިވާ ފަރާތްތަކުގެ ތެރެއިން ތަފާތު އެކި ސަބަބުތަކާހެދި ނުފުރި ތިބި ފަރާތްތަކަށް ޗާޓަރު ފްލައިޓެއްގައި ޢުމްރާއަށް ދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވައިދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެފަދަ ފަރާތްތަކަށް ޚާއްސަކޮށްގެން ސަރުކާރުގެ ޚަރަދުގައި، މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބައެއް ޖަމާޢަތްތަކަށް ވިސާ ހަމަނުޖެހިގެން ނުފުރި ތިބި ކަމަށް ބުނިނަމަވެސް، ވިސާ ނުލިބުމުގެ މައްސަލަ ކުރިމަތިނުވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ، ޢުމްރާއަށް ދާ މީހުންގެ ވިސާ ޖެހުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައި ހުންނަ ސަޢުދީގެ އެމްބަސީގައި ކަމަށާއި ޢުމްރާވެރިންނަށް ނުފުރި ލަސްވެގެންދިޔައީ، ޕާސްޕޯޓުގައި ތައްގަނޑުޖެހުން ފަދަ ކަންކަން ލަސްވެގެން ދިއުމާ ގުޅިގެން ކަމަށެވެ. އެހެންމަވެސް ޢުމްރާއަށް ނުފުރި ތިބީ ކިހާ މީހުންނެއް ކަމެއް އަދި ކިތައް ޖަމާޢަތް ކަމެއް މިނިސްޓްރީ ހާމައެއް ނުކުރައްވައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ދާ މީހުން މިހާރުވަނީ ފުރާފައެވެ.