ކުޅިވަރު

ކުޅުންތެރިން ހޯދާ ކާމިޔާބީ ފާހަގަކުރަން ހަފްލާއެއް ބާއްވަނީ


ޞަރަހައްދީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިން ހޯދާ ކާމިޔާބީތައް ފާހަގަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިނާމު ދެއްވުމަށް ޚާއްޞަ ހަފްލާއެއް ބޭއްވެވުމަށް ޔޫތް މިނިސްޓްރީން ނިންމަވައިފިއެވެ. 

ކުޅިވަރު އިޖްލާސް 2016 ރިޕޯރޓް ނެރެދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އެ ހަފްލާ ކައިރި މުސްތަޤްބަލެއްގައި ބޭއްވިގެންދާނެކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ކުޅިވަރާއިބެހޭ ޤައުމީ މަޖިލީހުން އެކަމަށް އުޞޫލެއް ކަނޑައެޅުއްވުމުގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14808362494640.jpg|ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ކުޅިވަރު އިޖްލާސް ނެރެދެއްވުމަށް ބޭއްވެވި ހަފްލާގައި ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޔޫތް މިނިސްޓްރީ

"ބާސްކެޓްބޯޅަ ވިއަސް، ވޮލީވިޔަސް، ނުވަތަ އެހެން އިންޑިވިޖުއަލް ބޮޑީބޯޑް ފަދަ ކުޅިވަރަކުންވިޔަސް ކުޅުންތެރިއަކު ގެންނަވާފައިވާ މެޑަލްތައް ފާހަގަކޮށް، ސަރުކާރުން ރައީސްދެއްވާ ޕްރައިޒް ހަމަޖެއްސެވުމަށް ސްޕޯރޓްސް ޤައުމީ މަޖިލިސްގެ ފަރާތުން އުޞޫލެއް ކަނޑައަޅުއްވައި، އެކަން ހަމަޖެހުމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަޤްބަލެއްގައި އެބޭފުޅުންނަށް ޕްރައިޒް އެރުވުމަށް ހަފްލާއެއް ރާވާނަން. " މިނިސްޓަރ ވިދާޅުވިއެވެ.

ޞަރަހައްދީ މުބާރާތްތަކާއި ގޭމްސްތަކުގައި ވާދަކޮށް ރާއްޖޭގެ ސީނިއަރ ކުޅުންތެރިންގެ އިތުރުން ޖޫނިއަރ ކުޅުންތެރިންވެސް މިހާރު އަންނަނީ މެޑަލްތައް ހޯދަމުންނެވެ. ސަރުކާރުގެ މެނިފެސްޓޯގެ އެންމެ މުޙިންމު އެއަބަޔަކީ ޒުވާނުންނާއި ކުޅިވަރެވެ.