ކުޅިވަރު

ޔޫތު މިނިސްޓަރ "ކުޅިވަރު އިޖްލާސް 2016" ރިޕޯޓް ނެރެދެއްވައިފި


"ކުޅިވަރު އިޖްލާސް 2016" ރިޕޯޓް ނެރުއްވައިފިއެވެ.

"ކުޅިވަރު އިޖްލާސް 2016" ރިޕޯޓް ނެރެދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. "ކުޅިވަރު އިޖްލާސް 2016" ރިޕޯޓަކީ މި އަހަރުގެ މާރޗު މަހު އުފެއްދެވި ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައުމާއެކު ކުޅިވަރާއި ގުޅުން ހުރި އެކި ޖަމްޢިއްޔާ ޖަމާޢަތްތައް އެއްތަންކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ހުރި ގޮންޖެހުނަތަކާއި ހުރަސްތަކާއި، ކުރިޔަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އެ ކޯޕަރޭޝަން މެދުވެރިވެގެން ބޭއްވިގެންދިޔަ "ކުޅިވަރު އިޖްލާސް 2016" ސިމްޕޯޒިއަމްގައި ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ކުރެވިގެންދިޔަ މަޝްވަރާގެ މައްޗަށް ބިނާކޮށް ނެރެވިގެންދިޔަ ރިޕޯޓެކެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އެމަޝްވަރާ ބައްދަލުވުމުގައި އެސޯސިއޭޝަންތަކުން ފާޅުކުރެއްވި ޚިޔާލުތަކާއި، ގޮންޖެހުންތައް ރިޕޯރޓްގައި ވަނީ ހިމަނުއްވާފައެވެ. ރިޕޯރޓްގެ އަލީގައި އެކަންކަން ރަނގަޅުކުރައްވައި، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް ޔުތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރިޕޯރޓްގައި ހުރި ކަންކަމަށް އިތުރަށް މިހާރުވެސް ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.

އެބައްދަލުވުމަކީ ކާމިޔާބު ބައްދަލކުވުމެއްކަމަށާއި، އެފަދަ ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވުމަށް އެސޯސިއޭޝަންތަކުން އެދިފައިވާކަމަށް ރިޕޯރޓްގައި ފާހަގަކުރައްވާފައިވެއެވެ. އެކި އެސޯސިއޭޝަންތަކުގެ ވާހަކަތައް ވަކިވަކިން ރިޕޯރޓްގައި ވަނީ ހިމަނުއްވާފައެވެ.