ޚަބަރު

އެންސްޕާގެ އައު އޮފީސް ހުޅުއްވައިފި


ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާގެ ކައުންޓަރުތަކުން ދެއްވާ ޚިދުމަތް އިތުރަށް ފުޅާކުރައްވައި އެ އެޖެންސީގެ އައު އޮފީސް ހުޅުއްވައިފިއެވެ. 

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އެންސްޕާއިން ދެއްވާ ޚިދުމަތް އިތުރަށް ފުޅާކުރައްވާ އެ އިދާރާގެ އާ އޮފީސް ހުޅުވާފައިވަނީ އަމީނީ މަގު ފެން ބިލްޑިންގ ކުރިމަތިން ހުންނަ މއ. ދޮންވެލި ޢިމާރާތުގައެވެ. އެންސްޕާއިން ފޯރުކޮށްދެއްވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރައްވާ، އެ އިދާރާގެ ކައުންޓަރުތަކުން ދެއްވާ ޚިދުމަތްތައް ކުރިއަށްވުރެ ފުޅާ ކުރެއްވުމުގެ ގޮތުން ހުޅުއްވި އައު އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް އެންސްޕާއިން ކުރައްވާ މަސައްކަތްތަކަކީ ރަނގަޅު މިސާލެއް ކަމަށާއި ދައުލަތުގެ އެހެން މުވައްސަސާތަކުންވެސް މިގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"ރައްޔިތުމީހާ ބޭނުންވަނީ ކޮންމެހެން ކައުންޓަރގައި ކިއުގައި ޖެހިގެން ހުންނާކަންނޫން. އެބޭފުޅަކު ބޭނުންވާ ޚިދުމަތުގެ މަޢުލޫމާތު ސާފުވެގެން ދިއުން. އަދި ޚާއްޞަކޮށް ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ޞިއްޚީ ޚިދުމަތް މިއީ. އާސަންދަ އަދި އެންސްޕާގެ ޚިދުމަތް. އެހެންވީމާ ރައްޔިތުންނަށް މި ދެވޭ ޚިދުމަތުގެ ފެންވަރު އެނގިގެންދާނީ ވީހާވެސް އަވަހަށް އެރައްޔިތަކު ބޭނުންވާ ކަމެއް ނޫނީ ބޭނުންވާ ކަމެއްގެ މަޢުލޫމާތު ލިބިގެން ދިއުން." ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14806037671704.jpg|ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު - ފޮޓޯ: ޕީއެސްއެމް

މީގެކުރިން އެންސްޕާއިން ޚިދުމަތް ދެއްވަމުން ގެންދެވީ ދެ ކައުންޓަރުން ކަމުގައިވިޔަސް އެޚިދުމަތް އިތުރަށް ފުޅާކޮށް އަލަށް ހުޅުވި އޮފީހުގައި ޚިދުމަތް ފޯރުކޮށްދެއްވުމަށް 4 ކައުންޓަރު ޤާއިމް ކުރައްވާފައިވެއެވެ. މީގެތެރޭގައި އިސްރައްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން މާބަނޑު މީހުން ކިއުގައި މަޑުކުރަން ނުޖެހި ޚިދުމަތް ހޯދުމަށް ޚާއްސަ ކައުންޓަރެއްވެސް ހިމެނެއެވެ. މީގެއިތުރުން މަޢުލޫމާތު ސާފު ކުރުމަށް ޚާއްސަ ކައުންޓަރަކާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ތަކެތި ދޫކުރުމަށް ޚާއްސަ ކައުންޓަރެއްވެސް ވަނީ ޤާޢިމް ކުރައްވާފައެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ވިދާޅުވީ، މީގެކުރިއާއި ޚިލާފަށް އެ އެޖެންސީން ފޯރުކޮށްދެއްވާ ޚިދުމަތްތައް ފުޅާކޮށް ޚިދުމަތުގެ ދުވެލި ހަލުވި ކުރެއްވުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މިގޮތުން އެދުވަހުގެ ބާރައިގެ ކުރިން އަންނަ ކޮންމެ އެޕްލިކޭޝަނެއް އެދުވަހުން ދުވަހަށް ނިންމަވާ އަދި ބާރައިގެ ފަހުން އަންނަ އެޕްލިކޭޝަންތައް ޖެހިގެން އަންނަ ދުވަހު ނިންމަވާނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ސަރުކާރުގެ 3 އަހަރުގެ ކާމިޔާބީ ފާހަގަ ކުރެއްވުމާއި އަދި މި 3 އަހަރުގައި އެންސްޕާއިން ހޯއްދަވާފައިވާ ކުރިއެރުންތައް ފާހަގަ ކުރެއްވުމުގެ ގޮތުން ޚާއްޞަ ކޭކެއް ފަޅުއްވާފައިވެއެވެ. މި ކޭކު ފަޅުއްވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.