ޚަބަރު

ސްރީލަންކަން އެއަރލައިންގެ ސީދާ ދަތުރުތައް ގަމަށް ފަށައިފި


ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއާއި އައްޑޫ ސިޓީގެ ގަމާއި ދެމެދު ސީދާ ދަތުރުތައް މިއަދު ފަށައިފިއެވެ.  

ސްރީލަންކަން އެއަރލައިންގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ގަން އިންޓަނޭޝަނަލް އެއަރޕޯޓްގައި ޖައްސާފައިވަނީ، މިއަދު ހެނދުނު އަށްގަޑި ފަނަރާގައެވެ. ކޮލަމްބޯއާއި ގަމާއި ދެމެދު ޝެޑިއުލް ފްލައިޓްތައް ފެށުމުގެ ގޮތުން ސްރީލަންކަން އެއަރލައިންސްއިން ވަނީ ޚާއްޞަ ފެއަރތަކެއް ހަމަޖައްސާފައެވެ. ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ މުޙައްމަދު ފިރާޤް ވިދާޅުވީ، މިހާރުވެސް ފުރަތަމަ ހަތަރު ފްލައިޓް ފުލްވެފައިވާ ކަމަށެވެ. ސްރީލަންކަންގެ އޮފީހެއް އައްޑޫސިޓީ ފޭދޫގައިވަނީ ޤާއިމްކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14805695163848.jpg|އައްޑޫ ސިޓީ ގަން އެއަރޕޯޓުގެ ޓަރމިނަލްގައި ދަތުރުވެރިންތަކެއް މަޑުކޮށްލައިގެން

މާދަމާ ފުރަތަމަ ފްލައިޓް ގަމަށް ޖައްސާއިރު، މޯލްޑިވްސް އިމިގްރޭޝަނުންވެސް ވަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވެވަޑައިގެންފައެވެ. އިމިގްރޭޝަންގެ މީޑިއާ ކޯޑިނޭޓަރ ޙަސަން ޚަލީލް ވިދާޅުވީ އިންޓަރނޭޝަނަލް އެއަރޕޯޓަކުން ލިބެންޖެހޭ އިމިގްރޭޝަނާ ގުޅޭ ހުރިހާ ޚިދުމަތް ގަމުގައި މިހާރު ޤާއިމް ކުރައްވާފައިވާ ކަމަށެވެ.  

img:http://s2.psmnews.mv/images/660x400/14805696252182.jpg|އައްޑޫ ސިޓީ ގަމަށް ޝެޑިއުލް ފްލައިޓް ފެށުމުގެ ގޮތުން ހަމަށް ޖެއްސި ސްރީލަންކަން އެއަރލައިންގެ ފްލައިޓް

ގަން އެއަރޕޯޓަށް މީގެ ކުރިންވެސް ޗާޓަރ ފްލައިޓްތައް އޮޕަރޭޓް ކުރަމުންދެއެވެ. އަދި ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ވަނީ މީގެ ކުރިން ޝެޑިއުލް ފްލައިޓްތަކެއް ކޮލޮންބޯއާއި ދެމެދު ކޮށްފައެވެ. ނަމަވެސް އެ ދަތުރުތައް ހުއްޓުމަކަށް އައުމަށްފަހު، ގަމާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރެވިފައެއް ނުވެއެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޖެނެރަލް މެނޭޖަރ އިބްތިޝާމާ ސަޢީދު ޤަބޫލުކުރައްވާ ގޮތުގައި،  ސްރީލަންކަން އެއަރލައިންސްއިން ގަމާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ގަން އެއަރޕޯޓަށާއި، ދެކުނުގެ ރައްޔިތުންނަށް ލިބިގެންދާ އެންމެ ބޮޑު ކުރިއެރުމެވެ.